ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ކުރިއަށް ގެންދާ، ކުލުނު ހިޔާގައި ކިޔަވައި ދިނުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ދިރާގުން ހަދިޔާ ކޮށްފި އެވެ. ދިރާގުން ވަނީ އެއް ލައްކަ ރުފިޔާގެ ތަކެތި ހަދިޔާކޮށްފަ އެވެ.
މިއަދު ސ. ހިތަދޫ އައްނޫރު ސެންޓަރުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ދިރާގުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ދިރާގުގެ ޑިރެކްޓަރ ސޭލްސް، އަލީ ރިޔާޒެވެ.
ދިރާގުގެ ފަރާތުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮމްޕިއުޓަ ސިސްޓަމާއި އައިޕެޑާއި ތެރެޕީ ބޯލްސް އާއި ބައިސިކަލާއި ވުޑަން ޓޯއިސް އާއި ބޯލް ޕޫލް އާއި ވޯޓާ ޕޫލް އާއި ކުޅޭ ތަކެއްޗާއި ފޮތް އަދި ފްލޯ މެޓްސްގެ އިތުރުން ބީން ބޭގް ފަދަ ތަކެތި ހިމެނެއެވެ.
އެ ސެންޓަރުގައި ނުކުޅެދުންތެރިކަން ހުންނަ 12 ވަރަކަށް ކުދިންނަށް ހިދުމަތް ދެމުންދާއިރު، އެ ކުދިންނަށް ކިޔަވައިދިނުމުގައި މިހާރު ހަރަކާތްތެރިވަމުންދަނީ ދާއިމީ ދެ ޓީޗަރުންނާއި ލީޑިން ޓީޗަރެކެވެ.
ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމް ކުރެވިފައިވާ ކުލުނުހިޔާގައި 2014 ވަނަ އަހަރުން ފެށިގެން މިފަދަ ކުދިންނަށް ތައުލީމު ހޯދައިދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ކުލާހެކެވެ. ދިރާގުގެ ފަރާތުން ހަދިޔާކުރި ތަކެއްޗަކީ މި ސެންޓަރު ހިންގުމަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަސީލަތްތަކެއް ކަމަށާއި އަދި އެ ތަކެއްޗަކީ ކުދިންނަށް ކިޔަވައިދިނުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ވަސީލަތްތަކެއް ކަމަށް ދިރާގުން ބުނެ އެވެ.
"މިއަދާއި ހަމަޔަށްވެސް އަޅުގަނޑުމެން މި ކްލާސް ކުރިޔަށް ގެންދަމުން މިއައީ ތަފާތު ތެރަޕީތަކާއި ހުނަރުތައް ކުރިއެރުވުމަށް ބޭނުންވާ އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތި، ނަމަވެސް މިއަދު ދިރާގުގެ ފަރާތުން މި ވެދެއްވި އެހީތެރިކަމާއިއެކު މި ކްލާހަށް މި ލިބިގެން މިދިޔައީ ވަރަށް ބޮޑު ފުރިހަމަކަމެއް، އަޅުގަނޑުމެންގެ މި ކްލާސް، ކައިރި މުސްތަގުބަލެއްގައި ވަކި ޔުނިޓެއްގެ ގޮތުގައި ވަކިކުރެވިގެންދިޔުމަށް ރޭވިފައިވާއިރު، މި ލިބިގެން ދިޔަ ވަސީލަތްތަކާއިއެކު ވަރަށް ފުރިހަމަ ސެޓަޕެއް އަޅުގަނޑުމެންނަށް ގާއިމުކުރެވިގެންދާނެ، މި ފުރުސަތުގައި އަޅުގަނޑުމެން ދިރާގަށް، މި ވެދެއްވި އެހީއަށްޓަކައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިމާދު ވިދާޅުވި އެވެ.
ދިރާގުން ބުނީ ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއަކަށްވާއިރު މިކަމަކީ މި ޒިންމާގެ ދަށުން ކުރެވިގެންދިޔަ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ދިރާގުން ވަނީ ވޭތުވެދިޔަ 2015 ވަނަ އަހަރުގެ ކުރީކޮޅު އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެން އޮންލައިން ޗައިލްޑް ސޭފްޓީ ޕްރޮގްރާމެއް ހިންގާފައެވެ. އަދި ހަމަ މިއަހަރު އޯޓިޒަމް އެސޯސިއޭޝަނުގައި އިންޑޯ ޕްލޭ އޭރިޔާއެއް ގާއިމުކޮށް، ކެއަރ ސޮސައިޓީއަށް ބޭނުންވާ ތަފާތު ތަކެތި ހަދިޔާކޮށްފައިވެއެވެ. އެޔާއިއެކު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި، ސ.ހިތަދޫ އަލް-ނޫރު ސެންޓަރުގެ ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް 100،000 ރުފިޔާ ގެ ތަކެތިވެސް ވަނީ ދިރާގުން ހަދިޔާކޮށްފައިވެ އެވެ.