ޔޫރަޕް ބައްރުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް -- ޔޫރޯ 2024 މިރޭ ރަސްމީކޮށް ފަށާނެ އެވެ. ޖަރުމަންގައި މިއަދު ފަށާ މިމުބާރާތް ކުރިއަށް އޮތް ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ޔޫރޯ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ފުޓުބޯޅައިގެ ގަދަ ބާރު އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނާއި ސްކޯޓްލޭންޑެވެ.
ޖަރުމަނު ޓީމުން ވަނީ މުބާރާތައް ކުރިއާލާ ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. ޖަރުމަންގެ ސަޕޯޓަރުން ބުނާ ގޮތުގައި މިފަހަރަކީ އެގައުމުގެ ފަހަރު ކަމަށާއި ބޭނުންވަނީ އަމިއްލަ ގައުމުގައި ކުޅެ ތަށި ކާމިޔާބުކުރުން ކަމަށެވެ.
2014 ވަނަ އަހަރުގެ ވޯލްޑް ޗަޕަށްފަހު ޖަރުމަންގެ ގައުމީ ޓީމުގެ ކުޅުން ވަނީ ދަށްވެފަ އެވެ. އޭގެފަހުން ކުޅުނު ދެ ވޯލްޑް ކަޕުގައި ގްރޫޕް ސްޓޭޖުން އެ ގައުމު ވަނީ ކަޓާފަ އެވެ. އަދި ޔޫރޯގައިވެސް އެކަށީގެންވާ ވަރުގެ ކުޅުމެއް މިދިޔަ ތިން ޔޫރޯގައި ވެސް ދެއްކިފައެއް ނުވެ އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ ބަޔާން މިއުނިކްގެ ދަނޑު، އެލައިންޒް އެރީނާ ގައެވެ. ޖަރުމަނުގެ ގަޑިން 9 ޖަހާއިރު ފަށާ މެޗުގެ ކުރިން މުބާރާތް ހުޅުވުމަށް ހާއްސަ ރަސްމިއްޔާތަކާ އެކު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ.
ޔޫރޯގެ ފުރަތަމަ މެޗު ރާއްޖެއަށް ފެންނާނި މި ރޭ ދަންވަރު 12 ޖަހާއިރު އެވެ.
ޖަރުމަނު ޓީމަކީ ޔޫރޯގެ ތަށި އެންމެ ގިނައިން ހޯދި ޓީމެވެ. އެޓީމުން ވަނީ މުބާރާތުގެ ތަށި ތިން ފަހަރު އުފުލާލާފަ އެވެ. ޖަރުމަނާ އެކު ސްޕޭނުންވެސް ވަނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ޖުމުލަ 24 ޓީމު ވާދަކުރާ މި މުބާރާތުގައި ގަދަ 16 އަށް ދަތުރުކުރާނި ކޮންމެ ގްރޫޕެއްގައި އެއްވަނަ އަދި ދެވަނައިގައި ހިމެނޭ ޓީމެވެ. މީގެއިތުރުން ގްރޫޕުގެ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތަރު ޓީމުވެސް ގަދަ 16 އަށް ދަތުރުކުރާނެ އެވެ.
މިފަހަރުގެ މުބާރާތަކީ މިއީ 2006 އަހަރުގެ ވޯލްޑް ޗަޕަށް ފަހުގައި ޖަރުމަނުން އިންތިޒާމުކުރާ މިފަދަ ފުރަތަމަ މުބާރާތެވެ.
ޖަރުމަންގެ ފުޓްބޯޅަ އިދާރާ އިން ބުނީ މިފަހަރުގެ މުބާރާތުން އެގައުމުން މުބާރާތައް ވެފައިވާ ތައްޔާރީތައް ދައްކާލާނެ ކަމަށާއި ހިތްގައިމު، ޖާގަ ތަނަވަސް ދަނޑުތަކުގައިި ކުޅުމުގެ އުފާ ހާސިލްވާނެ ކަމަށެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ "ސަޕްރައިޒް"ތަކެއް ފެނިގެންދާނެ ކަމަށާއި ބަޑިބޭހުގެ ޗަރުކޭސް ދައްކާލާނެ ކަމަށްވެސް އެ ގައުމުން ބުންޏެވެ. އަދި ސަލާމަތީގޮތުން ފިޔަވަޅުތައް ވަރުގަދަ ވާނެ ކަމަށާއި މުބާރަތް ބެލުމަށް ޒިޔާރަތްކުރާ މެހެމާނުންގެ ރައްކާތެރިކަން ޔަގީންކުރާނެ ކަމަށްވެސް ޖަރުމަނުން ބުނެ އެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ކުރިއަށް އޮތް ޖުލައި 14 ވަނަ ދުވަހު އެވެ. އެ މެޗަށްފަހު މުބާރާތް ނިންމުމުގެ ރަސްމިއްޔާތުވެސް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ޖަރުމަނުން ބުނެ އެވެ.