އަށާރަ އަހަރަށްފަހު ޔޫރޯ ފަދަ ބޮޑު މުބާރާތެއް އަމިއްލަ ގައުމުގައި ބާއްވާއިރު ޖަރުމަނުގެ ރައްޔިތުން އެގައުމުގެ ތަރި ޓޯނީ ކްރޫޒްގެ އިތުރުން ސަޕޯޓަރުންގެ ހިތްވަރަށް ބަރޯސާވާނެ ކަމަށް ބެލެވެ އެވެ.
ބަދަލުތަކެއްގެ މަގުމަތީގައި އޮތް ޖަރުމަނުގެ ޓީމުގައި މިފަހަރު ހިމެނިފައިވާ ގިނަ ކުޅުންތެރިންނަކީ ޔޫރޯ ފަދަ ބޮޑު މުބާރާތެއްގެ ތަޖުރިބާ ލިބިފައި ނުވާ ޒުވާން ކުޅުންތެރިންނެވެ. ޖަރުމަނުގެ ޓީމުގައި ކުރިން ފެނުނު ރައްޓެހި ބައެއް މޫނުތައް މިފަހަރު ނުފެންނާނެ އެވެ.
ނިމިދިޔަ ސީޒަނުގައި ރިއާލް މެޑްރިޑުގައި މޮޅަށް ކުޅެދީ އެ ކްލަބާއެކު ލަލީގާ އާއި ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރި ކްރޫޒް އަކީ ޖަރުމަނު ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އަދި އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. މިފަހަރުގެ ޓީމު އެކުލަވާލާފައިވާ ގޮތުން މުޅި ޓީމު ރޭވިފައި އޮތީ ކޮރޫޒްގެ މައްޗަށެވެ. ޓީމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާނެ ކުޅުންތެރިޔާ އެހެންވެ އޭނޭ ވާނެ އެވެ.
"އަހަރެމެންގެ ހުރިހާ ވެސް ހިތްވަރަކީ އަހަމެންގެ ސަޕޯޓަރުން. ފުޓުބޯޅައިގައި ސަޕޯޓަރުން ނަކީ 12 ވަނަ ކުޅުންތެރިޔާ ކަން ހަނދާންކޮށްދެން. ގިނަ ބަޔަކު ދަނޑަށް ވަނުމަށާއި ދަނޑު ހިމެނޭ ސަރަހައްދަަށް އެއްވުމަކީ މުޅި ޓީމުގެ ވެސް ވަރަށް ބޮޑު އެދުމެއް،" ދާދިފަހުން ޖަރުމަނުގެ ކޯޗު ކަމާ ހަވާލުވެފައިވާ ނަގެލްސްމެން ބުނެފައިވެ އެވެ.
ކްރޫޒްގެ އިތުރުން ބާސާގެ މެދުތެރެއަށް ކުޅެމުން އަންނަ ގުންޑޮގަން، ރިއާލްގެ ފަހަތަށް ކުޅޭ ރުޑިގާ، ބަޔާންގެ ޖަމާލް މުސައިލާ އަދި ޖޯޝުއާ ކިމިޗް ފަދަ ކުޅުންތެރިން ޖަރުމަނު ޓީމުގައި ހިމެނެ އެވެ.
ޔޫރޯއަށް ތައްރާރުވުމުގެ ގޮތުން ދާދިފަހުން ކުޅުނު ދެ މެޗުގައި ޖަރުމަނުން ވަނީ މޮޅުވެފަ އެވެ.
އެއްމެޗުގައި ފްރާންސް އަތުން 2–0 އިން މޮޅުވިއިރު އަނެއް މެޗުން ނެދަލޭންޑްސް އަތުން 2–1 އިން މޮޅުވެފައި ވެއެވެ. އެކަމަކު އެންމެފަހުގެ ދެ ވޯލްޑް ކަޕް ޖަރުމަން ވަނީ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ. އަދި އެންމެ ފަހުގެ ތިން ޔޫރޯގައިވެސް އެންމެ އެދެވޭ ނަތީޖާއެއް ދެއްކިފައެއް ނުވެ އެވެ.
މިފަހަރު ޖަރުމަނުން ނިކުންނަނީ އާ ހިތްވަރެއް ލައިގެން އެ ގައުމުގައި ކުޅޭ މުބާރާތުގެ ތަށި އުފުލާލުމުގެ އަޒުމުގަ އެވެ.