ޔޫރޯ މުބާރާތުގެ ފުރަތަމަ މެޗުގައި އިނދިކޮޅު ޓީމު ސައިޒުކޮށްލުމަށްފަހު ފެންވަރު ދައްކާލައި، ޖަރުމަނާ ސްކޮޓްލޭންޑް ބައްދަލުކުރި މެޗުން ޖަރުމަނު މޮޅުވެއްޖެ އެވެ.
އަމިއްލަ ގައުމުގައި ކުޅޭ މުބާރާތުގައި ޖަރުމަނުން ވަނީ ސްކޮޓްލޭންޑްގެ މައްޗަށް ކުރި ހޯދާފަ އެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ގޯލު ޖަހައި ލީޑުނަގައިދިނީ އެޓީމުގެ ކުރިއަށް ކުޅެމުން އަންނަ ވާޓްޒް އެވެ.
ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ޖަރުމަނަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މޫސިއާލް އެވެ.
ފުރަތަމަ ހާފުގެ 41 މިނެޓުގައި ސްކޮޓްލޭންޑްގެ އޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ސްކޮޓްލޭންޑްގެ ޕޯޓިއަޒް އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ސްކޮޓްލޭންޑް އިން ކުރި ފައުލާ ގުޅިގެން ޖަރުމަނަށް ލިބުނު ޕެނަލްޓީ ޖަހައި ހާވާޓްސް ވަނީ ޖަރުމަނުގެ ލީޑު އިތުރަށް ފުޅާކޮށްދީ އެޓީމަށް ތިންވަނަ ލަނޑު ޖަހާދީފަ އެވެ.
ފުރަތަމަ ހާފު ނިމުނުއިރު ޖަރުމަނުން ވަނީ މުޅި މެޗުގެ ކޮންޓްރޯލް ނަގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރަނގަޅު ހަމަލާތަކެއް ސްކޮޓްލޭންޑްގެ ގޯލަށް އަމާޒުކޮށްފަ އެވެ. ސްކޮޓްލޭންޑްގެ ޓީމަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުރިއަށް ދިޔައިރު ސްކޮޓްލޭންޑް ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ކުޅުންތެރިއެއް މަދުކޮށް ކުޅެން ޖެހުމެވެ. އެޓީމު ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ.
ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ބަދަލުގެ ގޮތުގައި ނުކުމެ ފުލްކުރުޓް ވަނީ ޖަރުމަނަށް އިތުރު ގޯލެއް ޖަހައިދީ ލީޑު ފުޅާކޮށްދީފަ އެވެ. އޭނާގެ ހިތްގައިމު ގޯލާ އެކު ޖަރުމަނުން ވަނީ ސްކޮޓްލޭންޑް ކޮޅަށް 4 ގޯލު ޖަހާފަ އެވެ.
މެޗުގައި ސްކޮޓްލޭންޑިން ސުމެއް ކަނޑުވާލާފައި ވަނީ ޖަރުމަނުގެ ޑިފެންޑަރު ރުޑިގާ ބޮލުން ބައިކޮޅަށް ޖެހި ގޯލަކުންނެވެ.
އިތުރު ވަގުތުގެ ތެރޭ ޖަރުމަނުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. އެޓީމުގެ ފަސްވަނަ ގޯލް ޖަހާފައިވަނީ ދެވަނަ ހާފުގައި ކުޅެން އެރި ޖަރުމަނުގެ ފޯވާޑް ކޭން އެވެ.