ހައްޖުގެ އަޅުކަން

ފަަލަސްތީން ރައްޔިތުންނަށް ދުއާ ކުރުމަށް ހައްޖު ޚުތުބާގައި ގޮވާލައްވައިފި

ފަަލަސްތީންގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތްދަތި ހާލަތުން އަރައިގަތުމަށް އެދި އެ ރައްޔިތުންނަށް ހެޔޮ ދުއާ ކުރުމަށް އަރަފާތު ދުވަހުގެ ހުތުބާގައި އިސްލާމީ އުންމަތަށް ގޮވާލައްވައިފި އެވެ.

އަރަފާތުގެ ދުވަހުގެ ހިތާބު މިއަހަރު އިއްވެވީ މަސްޖިދުލް ހަރަމްގެ އިމާމު ޝައިޚް މާހިރު ބިން ހަމަދު އެވެ. ހަމަޖައްސަވައި

ހުތުބާ އިއްވަވަމުން މާހިރު ވަނީ ފަަލަސްތީނުގެ ރައްޔިތުންނަށް ޔަހޫދީން ކުރަމުންދާ އަނިޔާއިން އެމީހުން ސަލާމަތްކޮށްދިނުމަށް އެދި ހުރިހާ މުސްލިމުން ހެޔޮ ދުއާ ކުރުމަށް އެެދިވަޑައިގެންފަ އެވެ.

"ކާނެ އެއްޗެއް އަދި ލާނެ އަންނައުނެއް ނެތް ހާލުގައި ތިބި ފަލަސްތީންގެ ރައްޔިތުންނަށް ހެޔޮ ދުއާކުރައްވާ،" ޚަތީބު ވިދާޅުވި އެވެ.

ހުތުބާގައި ވަނީ ތަގުވާވެރިވުމަށާއި، އިހްސާންތެރި ވުމަށާއި، އަމާނާތްތެރިކަމާއި، ކިޔަމަންތެރިކަމާއެކު ކަންކުރުމަށާއި، މައިންބަފައިންނަށް އޯގާތެރިވުމަށާއ، ވެރިންނަށް ބޯލެނބުމަށާއި، އެހެން މީހުންނަށް އެހީތެރިވުމަށާއި، ޝަރީއަތުގައި އަދުލު އިންސާފާއެކު ހުކުމް ކުރުމަށްވެސް ގޮވާލައްވާފަ އެވެ.

ހުތުބާގައި ވިދާޅުވީ ދުނިޔޭގައި އުޅޭއިރު އިންސާނާގެ ބުއްދިއާއި އަމަލުތަކަށް ސަމާލުވާންޖެހޭ ކަމަށެވެ. އިސްލާމްދީނުގެ ފަސް ރުކުނަށާއި އީމާންކަމުގެ ހަ ރުކުނަށް ފުރިހަމައަށް އީމާންވުމަށްވެސް އިސްލާމީ އުއްމަތަށް ހަނދާންކޮށްދެއްވި އެވެ.

ހުތުބާގައި ވަނީ އަނިޔާވެރިވުމާއި، ނުބައި އަމަލުތައް ކުރުމާއި، މީހުންނަށް ފުރައްސާރަ ކުރުމާއި، މަލާމާތް ކުރުމާއި، ޖާސޫސް ކުރުމާއި، މީހުންނަށް އެކި ޒާތްޒާތުގެ ނަންނަމުން ގޮވުމާ ދުރުހެލިވުމަށްވެސް ގޮވާލައްވާފަ އެވެ. އެެހެން މީހުންގެ އަބުރާއި މުދަލަށް އަރައިގަތުން އަދި ހައްގަކާ ނުލާ އެހެން މުސްލިމެއްގެ ލޭ އޮހޮރުވާލުން ފަދަ ހަރާމް ކުރައްވާފައިވާ ކަންކަމުން ދުރުހެލި ވުމަށްވެސް ނަސޭހަތްތެރިވި އެވެ.

މުޅި ދުނިޔެއަށްވެސް ވަބާއެއްގެ ގޮތުގައި ކުރިމަތިވެފައިވާ މަސްތުވާތަކެއްޗާއި ބަނގުރަލާ ދުރުހެލިވުމަށާއި، އެފަދަ ނުބައި އެންމެހާ އަމަލުތަކުން ދުރުހެލިވެ ސާފުތާހިރު މީހެއްގެ ގޮތުގައި ދުނިޔޭގެ ދުވަސްތައް ހޭދަކުރުމަށްވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހުތުބާގައި ވިދާޅުވީ ޝައިތާނާ މަސައްކަތް ކުރާނީ ރަލާއި މަސްތުވާތަަކެތި އަދި ވިޔާފާރީގެ ތެރެއިން މީހުން ހަލާކުކުރުމަށް ކަމަށާއި އެފަދަ ކަންކަމުން ސަލާމަތާއި ރައްކާތެރިކަން ހޯދުމަށްޓަކައި އިމާންތެރިކަން ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި ކަންކަމުގައި އިހްލާސްތެރިވުމަށާއި މަގާމާއި މަސްއޫލިއްޔަތުގެ ބޭނުން ނަޖާއިޒު ގޮތުގައި ނުހިފުމަށްވެސް ނަސޭހަތްތެރިވެފައިވެ އެވެ.

"މިފަދަ މާތް ދުވަހެއްގައި ގިނަ ގިނައިން ދުއާކޮށް، ފާފަ ފުއްސެވުމަށް އެދި މާތްﷲގެ ހަޒްރަތުގައި ދަންނަވަންޖެހޭ،" ހުތުބާގައި ވިދާޅުވެފައިވެ އެވެ.