ސްވިޒަލޭންޑާއި ހަންގޭރީ މިރޭ ބައްދަކުރި މެޗުގައި ސްވިޒަލޭންޑް މޮޅުވެއްޖެ އެވެ.
މި މެޗް ސްވިޒަލޭންޑް ކާމިޔާބު ކުރީ 3-1 އަކުންނެވެ. ސްވިޒަލޭންޑް ޓީމުން ވަނީ މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ ހަންގޭރީ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.
ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ސްވިޒަލޭންޑްގެ ފުރަތަމަ ގޯލް ޖެހީ ޖާޒީ ނަންބަރު 18 ޑުއާ އެވެ. އޭނާގެ މި ގޯލާ އެކުގައި ޔޫރޯގެ ރެކޯޑެއް ވަނީ މުގުރާލާފަ އެވެ. އެއީ ހުއްޓުމެއްނެތި އެންމެ ގިނަ ޕާސް ޖެއްސުމަށްފަހު ޖެހި ގޯލުގެ ރެކޯޑް އެވެ. އެގޯލުގެ ކުރިން އެ ޓީމުން ވަނީ 22 ޕާސް ޖައްސާފަ އެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށް ސްވިޒަލޭންޑް ޓީމަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ ކުރިއަށް ކުޅެމުން އަންނަ އައިބެސްޗާގެ ރީތި ގޯލަކާ އެކު އެވެ. އޭނާގެ ގޯލާއި އެކުގައި 2-0 އަކުން ސްވިޒް ޓީމު މޮޅުކޮށްދިނެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައިރު ހަންގޭރީ ޓީމަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އިނދިކޮޅު ގޯލަށް ނުރައްކާ ކުރާ ފަދަ އެންމެ ހަމަލާއެއްވެސް އެ ޓީމަށް އުފެއްދިފައެއް ނުވެ އެވެ.
ދެވަނަ ހާފުގައި ހަންގޭރީ އިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ސްވިޒަލޭންޑްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައި ވެއެވެ.
ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ހަންގޭރީގެ ވާގާ ޖެހި ގޯލަކުން އެޓީމުން ވަނީ ސްވިޒަލޭންޑުން ނަގާފައިވާ ލީޑު 2-1 އަށް ކުޑަކޮށްފަ އެވެ. އެންމެފަހުން ހަންގޭރީ ޓީމަށް ކުޅުނު 10 މެޗުގައި ވާގާ 7 ގޯލު ޖަހާފައިވެ އެވެ. އޭނާ މިވަގުތު ހުރީ ވަރަށް ފޯމު ގައެވެ.
ފަހު ހާފުގެ ކުޅުން ނިމެން ދަނިކޮށް އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ސްވިޒަލޭންޑްގެ އެމްބޯލޯ ޖެހި ގޯލަކުން ސްވިޒަލޭންޑް ޓީމުން ވަނީ 3-1 ލީޑު ފުޅާކޮށްދީފަ އެވެ. އެމްބޯލޯގެ މި ގޯލާ އެކު މާ ގިނައިރެއް ނުވެ ރެފްރީ ވަނީ މެޗު ނިންމާލާފަ އެވެ.