ފެނަކަ ކޯޕްރޭޝަން

އަމިއްލަ ކުންފުންޏަކަށް ފަސް މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް އަމުރެއް

އަމިއްލަ ކުންފުންޏަކަށް ފަސް މިލިއަނެއްހާ ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް އަމުރެއް ކޮށްފި އެވެ.

އިނޮވިކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް 5،183،684.85 (އަށްޑިހަ ތިން ހާސް، ހަ ސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ އަށްޑިހަ ފަސް ލާރި) ދައްކަން ސިވިލް ކޯޓުން އަމުރު ކުރީ މިދިޔަ ހަފްތާ ގައެވެ.

މިއީ އިނޮވިކްސް ކުންފުނިން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ އަގާ ގުޅޭ މައްސަލައެއްގައި ނެރުނު އަމުރެކެވެ.

ފެނަކައިގެ މައްޗަށް ޖޫން 13 ވަނަ ދުވަހު މިއަމުރު ނެރުއްވީ ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފް އެވެ.

އިނޮވިކްސް ކުންފުނިން ދައުވާ ކުރި މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ، އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަށެވެ.

ސިވިލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި މި ފައިސާއަކީ އިނޮވިކްސް ކުންފުނިން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ އަގުގެ ތެރެއިން ނުދައްކާވާ ފައިސާ އެވެ. މިއީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ދުވަސްވަރު އިނޮވިކްސް ކުންފުނިން ކޮށްފައިވާ މަސައްކަތެއްގެ އަގެވެ.

މި ފައިސާ ދައްކަން ޖެހޭ ކަމަށް ފެނަކައިން އެއްބަސްވެފައިވާތީ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ ޝަރީއަތުގެ އަޑު އެހުމެއް ބޭއްވުމަކާ ނުލަ އެވެ.