ހަބަރު

ފެނަކައިން ޝަރޫއަށް ދިން ފައިސާ އަނބުރާ ދައްކަން ކުރި ހުކުމް ދަމަހައްޓައިފި

ފެނަކަ ކޯޕްރޭޝަނުން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗްސް ކޮމްޕެނީ އަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.

ފެނަކައިން ޝަރޫ ލޯންޗު އަތުން 17 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކުރީ، އެއް މިލިއަން ޑޮލަރު ގަތުމަށް ފެނަކަ ކޯޕަރޭޝަންއިން ޝަރޫ ލޯންޗް ސާވިސްއަށް 17 މިލިއަން ރުފިޔާ ހަވާލުކުރިއިރު، ފެނަކައަށް ޑޮލަރު ގަންނަން ޝަރޫއަށް ފައިސާ ދިނުމުން ދިން ޑޮލަރު ޗެކްތައް ބައުންސްވެފައިވާތީ އެވެ. މި ފައިސާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓްމަހުގަ އެވެ. އަދި އެ ހުކުމުގައި ބުނެފައިވަނީ މި ފައިސާ ހަތަރު މަސް ތެރޭގައި ދެއްކުމަށެވެ.

ނަމަވެސް ޝަރޫ ލޯންޗްސްއިން ވަނީ މި މައްސަލަ ހައިކޯޓުގައި ިއސްތިއުނާފް ކޮށްފަ އެވެ. އެކަމަކު ހައިކޯޓުންވެސް މި މައްސަލަ ނިންމީ ޝަރޫ ލޯންޗްސް ކޮމްޕެނީ އާއި ދެކޮޅަށެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފެނަކަ އިން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗަށް 17 މިލިއަން ރުފިޔާ ދިން ކަމަށް ހެކިންގެ ހެކި ބަހުން އެނގެން އޮތް ކަމަށެވެ. އަދި ޝަރޫ ލޯންޗުން ދިން ޗެކްތައް ބައުންސްވެފައިވާތީ މި ޗެކްތަކަށް ޑޮލަރު ލިބިފައިނުވާކަން އެނގެންހުރި އިރު މިކަމުގައި އެއްވެސް ސުވާލެއް ނެތް ކަމަށެވެ. އެހެން ކަމުން ޝަރޫއިން އެ ފައިސާ އަނބުރާ ފެނަކަ އަށް ދެއްކުމަށް، މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.