ދުނިޔެ

އަގްސާ މިސްކިތުގައި 40،000 މީހުން އީދު ނަމާދުކޮށްފި

އިޒުރޭލުން އިސްތިއުމާރުކޮށްފައި އޮތް އިރުމަތީ ގުދުސްގައި ހުންނަ އަލްއަގްސާ މިސްކިތުގައި 40،000 އަށް ވުރެ ގިނަ ފަލަސްތީން މީހުން އަޟްހާ އީދު ނަމާދުކޮށްފި އެވެ.

އަޟްހާ އީދުގެ ފުރަތަމަ ދުވަސް ބޮޑު ޖަމާއަތަކުން ފަށައިގަތް ނަމަވެސް އީދާ ގުޅިގެން އުފާވެރި މާހައުލެއް ފަލަސްތީނުގައި ނެތެވެ. އީދު ނަމާދަށް ފަހުވެސް އޮތީ ޣައްޒާ ހަނގުރާމާގައި މަރުވި މީހުންގެ ޒިކުރާ އާކުރުމެވެ.

ޒަޔަނިސްޓުންގެ އަނިޔާވެރި ހަމަލާތަކުގައި މަރުވެ ގޮސްފައިވާ ލޯބިވާ މީހުންގެ ހަނދާނުގައި އޮތީ ދުއާކުރުމާއި ހިތާމަފާޅުކުރުމެވެ.

އަގްސާ މިސްކިތަށް ވަނުން ހަރުކަށިކޮށްފައި އޮތްވަރާ ބަލާއިރު، 40،000 އަކީ ބޮޑު ޖަމާތެއް ކަމަށް ފަލަސްތީންގެ އިދާރާތަކުން ބުނެ އެވެ.

އިޒުރޭލުން ވަނީ ވަކި އުމުރެއްގެ މީހުން އަގްސާ މިސްކިތަށް ނަމާދަށް ދިއުން މަނާކޮށްފަ އެވެ. އީދު ނަމާދަށް ޖަމާއަތް ބޮޑުކޮށްފާނެ ކަމަށް ބަލައި މަގުބަންދު ޖަހައި މުޅި ސަރަހައްދު އޮތީ ބަންދުކޮށްފަ އެވެ.

އަގްސާ މިސްކިތަށް އީދު ނަމާދާށް ދިޔަ އެތައް ހާސް ބަޔަކަށް ހުރަސްއަޅައި އަނިޔާކުރުމުގެ ސަބަބުން ޒުވާން އުމުރުގެ ބޮޑު އާބާދީއެއް ވަނީ އަގްސާ މިސްކިތް ދޫކޮށް ގޮސްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފަލަސްތީންގެ ގިނަ މީހުން އީދު ނަމާދަށް ދިޔައީ ހުޅަނގު އައްސޭރީގެ އަލްޚަލީގައި ހުންނަ އިބްރީހިމީ މިސްކިތަށެވެ.

އިޒުރޭލުން އޮތީ އިބްރާހިމީ މިސްކިތަށް ވަނުން ވެސް ބޮޑު ތަކުލީފަކަށް ހަދާފަ އެވެ. ސެކިއުރިޓީ ޗެކްޕޮއިޓްތަކުން ފާސްވުމަށްފަހު އިލްކެޓްރޯނިކް ގޭޓްތަކެއް ހުރަސްކުރަންވެސް އޮތީ ލާޒިމުކޮށްފަ އެވެ.

އީދު ނަމާދަށްފަހު އުޟުހިޔާ ކަތިލުމަށްވެސް ޔަހޫދީން އޮތީ ހުރަސްއަޅާފަ އެވެ.

އުޟުހިޔާ ކަތިލަން ބޭނުންވާ ނައަމްސޫފިތައް ޣާއްޒާއަށް ވެއްދުން މަނާކޮށް އަހަރަކު އެއްފަހަރު މުސްލިމުން އަދާކުރާ މި އަޅުކަން ވެސް އޮތީ ބަންދުކޮށްފަ އެވެ.