މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އީދު ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މާދަމާ އާއި އަންގާރަ ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

މީގެ އިތުރުން ބުދަ، ބުރާސްފަތި އަދި ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލު ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލާއި 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

"އެހެން ކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ތިން ފޫޓާއި ހަތް ފޫޓާ ދެމެދުގައި،" މެޓް އޮފީހުން ބުނެފައިވެ އެވެ.

މެޓް އޮފީހުން މިހެން ބުނެފައިވާއިރު މި ދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރާ ދުވަސްވަރެކެވެ.