ކްރޮއޭޝިއާ އާއި ސްޕޭން ރޭ ބައްދަލުކުރި މެޗުގައި ސްޕޭންގެ ކުރިއަށް ކުޅުނު ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ޔޫރޯ މުބާރާތުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔަކަށް ވެއްޖެ އެވެ.
އުމުރުން އެންމެ 16 އަހަރުގެ ޔަމާލް އަކީ ސްޕޭން ޓީމާއި ސްޕެނިޝް ލަލީގާގައިވެސް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މި އުމުރުގައިވެސް އޭނާ އަންނަނީ ވަރަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޭގައި ކުޅުނު މެޗުގައި ކްރޮއޭޝިއާގެ ޑިފެންސް ވަނީ ޔަމާލް ހުއްޓުވުމަށް ނުކުޅެދިފަ އެވެ.
ސްޕޭން މޮޅުވި މި މެޗުގައި ލަމާލް ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފަ އެވެ. ބާސާގެ ސަޕޯޓަރުން އަންނަނީ ޔަމާލްގެ ކުޅުން މެސީގެ ކުޅުމާ އަޅާ ކިޔަމުންނެވެ. އެންމެ 15 އަހަރުގައި ބާސާއަށް ކުޅެން ފެށި ހިސާބުން ސްޕޭންނުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ.
ޔަމާލް އަކީ ހަގީގަތުގައި އަރަބި ނަސްލުގެ ކުޅުންތެރިއެކެވެ. އޭނާ އުފަންވެފައިވަނީ ބާސެލޯނާގެ ހޮސްޕިޓަލެއްގަ އެވެ. ޔަމާލް އުފަންވުމުގެ ކުރިން އޭނާގެ އާއިލާ ވަނީ ސްޕޭންގެ ބާސެލޯނާއަށް ހިޖުރަ ކޮށްފަ އެވެ. ކުޑައިރު އޭނާގެ ކިބައިން ފުޓުބޯޅައިގެ ހުނަރު ފާހަގަވެ މޮޅެތި ކުޅުންތެރިން އުފަން ކުރާ ބާސާގެ އެކަޑަމީ ލަމާސިއާ އިން ޖާގަ ލިބުނެވެ. އެ އެކަޑަމީ އިން އުފެދުނު ކުޅުންތެރިންގެ ތެރޭގައި މެސީ، ޒަވީ، އިނިއެސްޓާ ފަދަ އެތައް ކުޅުންތެރިންނެއް ހިމެނެ އެވެ.
ޔަމާލްގެ ހުނަރު ފާހަގަވެގެން އޭނާއަށް ސްޕޭންގެ ރަށްވެހިކަން ހުށައަޅައި ގައުމީ ޓީމުން ފުރުސަތު ދިނެވެ. އެ ފުރުސަތުގައި އޭނާ އެކަން ގަބޫލުކުރި އެވެ.
ޔަމާލް ބުނާ ގޮތުގައި ސްޕޭން ގައުމީ ޓީމަށް ކުޅުމަކީ އޭނާ އަބަދުވެސް ދުށް ހުވަފެނެކެވެ. މީގެ ކުރިން މެސީއަށް ސްޕޭން އިން އެފަދަ ހުށަހެޅުމެއް ހުށަހެޅުމުން މެސީ ވަނީ އެކަން ގަބޫލުނުކޮށްފަ އެވެ.
ޔަމާލް ރޭ މުގުރަލި ރެކޯޑަކީ މީގެ ކުރިން ޕޮލެންޑުގެ ކޮޒްލޯސްކީ ދަމަހައްޓަމުން ދިޔަ ރެކޯޑެކެވެ. ކޮޒްލޯސްކީގެ ކުރިން މި ރެކޯޑް އޮތީ އިނގިރޭސި ޓީމުގެ ބެލިންގްހަމް އަތުގައެވެ. ބެލިންގްހަމް އެ ރެކޯޑް ހެދިތާ 6 ދުވަސް ތެރޭ ކޮޒްލޯސްކީ އެ ރެކޯޑް މުގުރާލި އެވެ.
ޔަމާލް މުގުރާލާފައިވާ ރެކޯޑް ތަކުގެ ތެރޭގައި މެސީގެ ރެކޯޑެއް ވެސް ހިމެނެ އެވެ. ބާސާއަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑްވެސް އޭނާ ވަނީ މުގުރާލާފަ އެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ޔަމާލް އަކީ މިފަހަރުގެ ޔޫރޯގައި ސްޕޭން ޓީމާ އެކު ވިދާލާނެ ވިދުންގަދަ ތަރިއަކަށް ވާނޭ ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ލަފާކުރެ އެވެ. ޔަމާލްއާ މެދު އެވަރުގެ ބޮޑު އުއްމީދެއް ކުރާ މައިގަނޑު ސަބަބަކީ އޭނާ ބާސާއަށް ކުޅެމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ނެވެ. ޔަމާލްގެ ފަރި ހަރަކާތްތަކާއި ހުނަރުވެރި ކޮއްޓުންތަކަކީ މެސީގެ ކުޅުމާއި ވައްތަރުގެ ފާޑެއް ހުންނަ ކުޅުމެކެވެ.