ދުނިޔެ

ރަޝިއާގެ މުދަލުން ވައްކަންކުރުމަކީ ވައްކަމެއް ނޫން: އެމެރިކާ

ޔޫރަޕްގައި ހިފަހައްޓާފައި ހުރި ރަޝިއާގެ މުދަލުން ފައިދާވާ ބައި ނަގައި، ޔުކްރޭނަށް ލޯނު ދޫކުރުމަށް އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން ވަނީ ނިންމާފަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި، ހިފަހައްޓާފައި ހުރި މުދާ އިންވެސްޓްކޮށް ލިބޭ ފައިދާ -- ރަޝިއާގެ ހުއްދައާ ނުލައި ބޭނުންކުރުމަކީ ވައްކަމެއް ނޫން ކަމަށް އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލަންވެސް ވިދާޅުވި އެވެ. އެއީ ވައްކަންކުރުން ކަމަށް ބެލެވޭނެ އެއްވެސް ގަވާއިދެއް، ހެއްކެއް ނެތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޔެލަން ވިދާޅުވީ ރަޝިއާގެ ފައިސާއިން ޔުކްރޭނަށް ހަތިޔާރު ގަނެދިނުމަށް ޖީސެވަން ގައުމުތަކުން ނިންމާފައި އޮތް އޮތުމަކީ އެ ފައިސާ ވަގަށް ބޭނުންކުރުން ނޫން ކަމަށެވެ.

ޖީސެވަން ގައުމުތަކުން ބުނާ ގޮތުން ޔުކްރޭނަށް އެހީވުމުގެ ގޮތުން ޔޫރަޕްގެ ގައުމުތަކުގައި ހުރި ރަޝިއާގެ މުދަލުން 50 ބިލިއަން ޑޮލަރު ހޭދަކުރެވޭނެ އެވެ. އެ ފައިސާ ބޭނުންކުރެވޭނީ ރަޝިއާއާ ހަނގުރާމަކުރަން ބޭނުންވާ އާލާތްތަކާއި އަސްކަރީ ވަސީލަތްތައް ޒަމާނީކުރުމަށް ކަމަށްވެސް ބުންޏެވެ.

ހުޅަނގުގެ މި ވިސްނުމަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެ ފައިސާއިން ހޭދަނުކުރުމަށް ރަޝިއާ ވަނީ އިންޒާރު ދީފަ އެވެ. ރަޝިއާގެ ފައިސާއިން އެއްވެސް ބަޔަކަށް ހޭދަކުރުމަކީ ބޮޑު ވައްކަމެއް ކަމަށްވެސް ރަޝިއާއިން ބުންޏެވެ.

ރަޝިއާއާ މެދު މިފަދަ ގޮތަކަށް އަމަލުކޮށްފިނަމަ، ރަޝިއާގެ އަތުޖެހޭ ފަށުގައި ހުރި ހުޅަނގުގެ މުދަލާ މެެދުވެސް ހަމަ އެގޮތަށް އަމަލުކުރާނެ ކަމަށް ބުނެ ރަޝިއާ އިން ވަރުގަދަ އިންޒާރެއްވެސް ދީފައިވެ އެވެ.

ރަޝިއާގެ މުދަލަށް އަރައިގަނެ އެއިން ބައެއް ނަގައި ވިޔަފާރިކޮށް އަދި އެ ވިޔަފާރިން ލިބޭ ފައިދާއިން ޔުކްރޭނަށް ހޭދަކުރުމަކީ އެމެރިކާގެ ރޭވުމެކެވެ. މި ފައިސާއިން ބައެއް އެމެރިކާގެ ކުންފުނިތަކަށް ލިބެން ޖެހޭނެ ކަމަށްވެސް އެމެރިކާ ބުނެ އެވެ.

ރަޝިއާގެ ފައިސާ އިންވެސްޓްކޮށް އަދި ދޫކުރާ ލޯނު އަނބުރާ ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރަން ޖެހޭނީ ޖީސެވަންގެ ގައުމުތަކުން ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފަ އެވެ.