ދުނިޔެ

ސްވިޒަލޭންޑްގައި އޮތް ޔުކްރޭން ސަމިޓަކީ ބޭކާރު ބައްދަލުވުމެއް

ޔުކްރޭނަށް ސުލްހަ ހޯދުމަށް މަޝްވަރާކުރުމަށް ސްވިޒަލޭންޑްގައި -- ޖޫން 15 އިން 16 އަށް ބޭއްވި ސަމިޓުން އެއްވެސް ކަމެއް ހާސިލުނުވި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަމިޓްގައި އެންމެ ބޮޑު ކަމަކަށް އޮތީ ހޮޅި ވާހަކަދެއްކުމެވެ. ދެމެހެއްޓެނިވި އެއްވެސް ނަތީޖާއެއް އެ ސަމިޓުން ނުނިކުންނާނެ ކަމަށް ތަޖުރިބާކާރުން ކުރިން ބުންޏެވެ.

ޒެލެންސްކީގެ ސުލްހައިގެ ސަމިޓުން ކުރެވުނުހާވެސް ކަމަކީ ވަގުތު ނަގާލުމާއި ބޭކާރު ކަރަދުތަކެއް ކުރުން ކަމަށް އެ ސަމިޓްގައި ބައިވެރިވި އެމެރިކާގެ އޮފިޝަލަކު ވެސް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭން ސަމިޓަށް ދައުވަތުދިން 160 ގައުމެއްގެ ތެރެއިން ހާޒިރުވީ 60 ގައުމަކުންނެވެ. ގިނަ ގައުމުތަކުން މި ސަމިޓުގައި ބައިވެރިވާން ބޭނުން ނުވި ސަބަބަކީ ރަޝިއާއަށް ދައުވަތު ދީފައި ނުވާތީ އެވެ.

ޔުކްރޭން މައްސަލާގައި ދެކޮޅުގައި އޮތީ ޔުކްރޭނާއި ރަޝިއާ އެވެ. މި މައްސަލަށް ހައްލެއް ހޯދަން ކުރެވޭ މަޝްވަރާތަކުގައި ދެ ގައުމުވެސް ބައިވެރިވާން ޖެހޭނެ ކަމަށް ގައުމުތަކުން ގަބޫލުކުރެ އެވެ.

މި ސަމިޓަށް ދައުވަތު ދިނުމުން ޗައިނާއިން ވަނީ ބައިވެރި ނުވާނެ ކަމަށް ބުނެފަ އެވެ. އެއީ ރަޝިއާއަށް ދައުވަތު ދީފައި ނުވާތީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސަމިޓްގައި ބައިވެރިވި ގިނަ ގައުމުތަކުން ފޮނުވާފައި ތިބީ އާދައިގެ ފަންތީގެ މީހުންނެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި، ޔުކްރޭނަށް އެންމެ ބޮޑަށް ހިތްވަރުދެނީ އެމެރިކާ އާއި އިނގިރޭސިވިލާތުންނެވެ. އެހެންނަމަވެސް މި ސަމިޓްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

ޖޯ ބައިޑަންގެ ފަރާތުން ނައިބް ރައީސް ކަމަލާ ހެރިޝަން ވަޑައިގަތް ނަމަވެސް މަޝްވަރާތަކުގައި ހޭދަކުރެއްވީ މަދު ވަގުތުކޮޅެކެވެ.

ޔުކްރޭން ހަނގުރާމާގައި ބްރިކްސްއަށް ނިސްބަތްވާ ގައުމުތަކުން ގެންގުޅެނީ ވަކިކޮޅަކަށް ނުޖެހުމުގެ ސިޔާސަތެކެވެ. ބްރެޒިލް، އިންޑިއާ ޗައިނާ އަދި ސައުތު އެފްރިކާގެ ވިސްނުމަކީ ވެސް، ރަޝިއާއާ ނުލައި ސުލްހައިގެ ސަމިޓެއް ނުބޭއްވުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސަމިޓްގެ ސަބަބުން ޔުކްރޭންގައި ރަޝިއާ ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަނަށް އެއްވެސް ބަދަލެއް، ހުއްޓުމެއް ނާންނާނެ އެވެ.