ވާހަކަ

މިލްކުވާނެބާ

(10 ޖޫން 2024 އާ ގުޅޭ )

"އެންމެން ހަމަވީނު. ފަށަމާ." ތޫމާ ބުނެލި އެވެ.

ކާމޭޒުދޮށުގައި ވެސް ޒާހިލްއަށް ހިތްހަމަޖެހިލައިގެން ނީނދެވުނެވެ. ޢާއިލާގެ އެންމެން ފައިނާނަށް ދޭ ސަމާލުކަމާއި ބަހައްޓާ ގާތްކަން ފެނިފަ އެވެ. މަންމަ ހީވަނީ އުފަންދަރިއަކުދެކެ ލޯބިން އުޅޭހެންނެވެ. ޒާހިލްއަށް ބަލަން އުނދަގުލީ އެވެ. އޭނާއަށްވުރެ ފައިނާނުދެކެ ލޯބިން މަންމަ އުޅޭހެން ހީވާތީ އެވެ.

ޒާހިލްގެ ޠަބީޢަތް އިތުރަށް ގޯސްވެގެން އައީ ފައިނާނު ޑަކްޓަރަށް ދައްކާ ވާހަކަ ތޫމާ ފެށީމަ އެވެ. ފައިނާނު ޑަކްޓަރަށް ދެއްކުމުގައި ޒާހިލް ފަރުވާކުޑަކޮށްގެން ނުވާނޭކަން ނޫމާން ފާހަގަކުރި އެވެ.

"މިއޮތީވާ ކަމެއް ޖެހިފައި. އޭނާއާއެކީ ސައިފުލް ފޮނުވަންވީނު... އެހެންނޫނަސް އެ ދަރި ބޭނުންވެގެން އުޅޭ މީހުން އެކަމާ އުޅުނިއްޔާ މާރަނގަޅުވާނެ." އިންތިހާ ފޫހިކަމާއެކު ޒާހިލް މިހެން ބުނެ ކާމޭޒު ދޮށުން ތެދުވި އެވެ.

"ކޮންކަހަލަގެ އާދަމްގެ ދަރިއެއްތަ މީ. އޭނާއަށް ކުށެއް ކުރެވިގެން އުޅޭހެން ހީވޭތަ." ތޫމާއަށް ބަލާލަމުން ނޫމާނަށް ބުނެވުނެވެ.

"ބައްޕާ." މަޑުމައިތިރިކަމާއެކު ނޫމާނަށް ގޮވާލަމުން ތޫމާ ދެ ފަރާތަށް ބޯހޫރާލީ އެވެ.

"ޒާހިލްއަށް އެއްޗެހި ކިޔައިގެން ވިސްނައެއް ނުދެވޭނެ." ތޫމާ ބުންޏެވެ.

ޒާހިލް އެ ދިޔައީ ރަނގަޅަށް ސައި ވެސް ނުބޮއެކަން މޭޒުދޮށުގައި ތިބި އެންމެންނަށް އެނގެ އެވެ. އެހެންވިޔަސް އިތުރަށް އެއްވެސް މީހަކު ޒާހިލާ ބެހޭ ގޮތުން އެއްޗެއް ނުބުންޏެވެ. ފައިނާނު ރަނގަޅަށް ސައިބޮއެގެން ތެދުވަން ތޫމާ ބާރުއެޅި އެވެ. ދަރިފުޅުގެ ބޯހަރުކަމާމެދު ތޫމާ ދެރަވެ އެވެ. ފައިނާނުގެ ފުށުން އުނިކަމެއް ތޫމާއަށް ނުފެންނައިރު އޭނާ އެދެނީ ޒާހިލް އެ އަންހެންކުއްޖާ ބަލައިގަންނަނޭ ދުވަހެއް ދުށުމެވެ. ރީތި ހަރުދަނާ ދިރިއުޅުމެއް ޒާހިލް އުޅޭތަން ދުށުމެވެ. އެކަމަކު ކައިރި މުސްތަޤްބަލެއްގައި އެ އުންމީދު ފުރިހަމަވެދާނެކަމުގެ އެއްވެސް ޔަޤީންކަމެއް ތޫމާއަކަށް ނެތެވެ.

* * * * *

އޭޑީކޭ ހޮސްޕިޓަލްގެ ސްކޭން ކޮޓަރި ކައިރީ ހުރި ގޮނޑިބަރީގައި މާޔާ އިނެވެ. ފައިނާނު ނުކުންނާނޭ އިރެއްގެ އިންތިޒާރުގަ އެވެ. އޭނާ ފައިނާނާމެދު ހަމްދަރުދީވެ އެވެ. ޒާހިލް ކަންތައް ކުރާ ގޮތް އެނގޭތީ އެވެ. ޑަކްޓަރަށް ދައްކަން އޮންނަ ދުވަހެއްނަމަ ފައިނާނު ގޮވައިގެން ހޮސްޕިޓަލަށް ޒާހިލް އާދެ އެވެ. ނަމަވެސް އެއީ ނަމަކަށެވެ. ހޮސްޕިޓަލްގެ ގޯތިތެރެއަށް މަޑުކުރާ ކާރުން ފައިނާނު ފޭބުމުން ޒާހިލް އަދާކުރަން އޮތް ވާޖިބު އަދާކުރެވުނީ ފަދަ އެވެ. ޑަކްޓަރަށް ދައްކާފައި އެނބުރި ގެއަށް ދާން ޖެހެނީ ފައިނާނު އެކަންޏެވެ. ޒާހިލް ކަންތައް ކުރަނީ އެފަދައިން ކަމެއް އޭނާގެ ޢާއިލާއަކަށް ނޭނގެ އެވެ. މަންމަމެން ކައިރިޔަށް ޝަކުވާ އުފުލައި ޒާހިލްއަށް މަޖުބޫރުކުރާން ފައިނާނު ވެސް ބޭނުންނޫނީ އެވެ. އެގޮތަށް ކަންތައްކޮށްގެން އެ ދެމެދުގައި އޮތް ގުޅުން ދުވަހަކުވެސް ރަނގަޅެއްނުވާނޭކަން ފައިނާނަށް ވިސްނެ އެވެ. އެކުވެރިޔާގެ ދިރިއުޅުމަށް ފާޑެއް ކިޔާނޭ ޖާގައެއް ނެތްކަން މާޔާއަށް އެނގެ އެވެ. ފައިނާނުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭ މީހަކީ މާޔާ ވީމަ އެވެ.

ކައިރިން މީހަކު ހުރަސް ކަނޑާފައި އެނބުރި އައިސް މާޔާގެ ކުރިމަތީ އެ މީހަކު މަޑުކޮށްލައިފި އެވެ. އަތުގައި އޮތް ފޯނުން ނަޒަރު ވަކިކޮށްލައި މާޔާ އިސްއުފުލާލީ އެއީ ކާކުތޯ ބަލާލުމަށެވެ.

"މިޔާ ދޯ." ކުރިމަތީ ހުއްޓިލައިގެން ހުރި ޒުވާނާ އަހާލި އެވެ. މާޔާއަށް އެއީ ކާކުކަން ވަގުތުން އެނގިއްޖެ އެވެ. އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުން އެކަމަށް ހެކިދެ އެވެ.

"ޔާމީން." އެ ޒުވާނާގެ ނަމުން މާޔާ ގޮވާލި އެވެ.

"މިޔާއޭ ހީވާވަރުން ޔަގީންކޮށްލަން ގޮވާލީ. ހާދަ ޗޭންޖޭ." ޔާމީން ބުންޏެވެ.

"ނުފެންނަތާ އެހާ ދުވަސްވެއްޖެއެއްނު. ކޮބާ ޑަކްޓަރަކަށްވީތަ؟." ހިނިތުންވުމަކާއެކު މާޔާ ވާހަކަދެއްކި އެވެ.

ޔާމީނާއި މާޔާއަކީ ކުލާސްމޭޓްސް އެވެ. ސުކޫލު ދުވަސްވަރުގައި ވެސް ޔާމީންގެ ލަނޑުދަނޑިއަކީ ޑަކްޓަރަކަށް ވުމެވެ. އެ ހުވަފެން ހަޤީޤަތްވީހެން މާޔާއަށް ހީކުރެވުނީ ހަސްޕަތާލުން އެކުވެރިޔާ ފެނުނީމާ އެވެ.

"އަލްޙަމްދުލިއްﷲ، އެކަން ފުރިހަމަވެއްޖެ. މިތާ މިހާރު ވޯކް ކުރަނީ. މިޔާ ކިހިނެއްވީ؟. ސްކޭނެއް ހަދަންތަ؟. އަނެއްކާ..." ޔާމީންގެ ސުވާލުތައް މަޑު ޖެހުނީ ސްކޭން ކޮޓަރިން ނުކުމެގެން އައި އަންހެންކުއްޖާ މާޔާގެ ގާތުގައި މަޑުކޮށްލުމުންނެވެ.

"ވަޓް... ނާނު ވެސް އެބައުޅެންތަ." މާޔާގެ ކައިރީ ހުއްޓުނު އަންހެންކުއްޖަކީ ފައިނާނުކަން އެނގުނު ހިނދު ހައިރާންކަމާއެކު ޔާމީނަށް ބުނެލެވުނެވެ.

"ޔާމީން. ކިހިނެއްތަ." ފައިނާނަށް ވެސް ލިބުނީ ހައިރާންކަމެވެ.

"އަހަރެން ގުޑް." ޔާމީން ބުންޏެވެ.

އަހަރުތަކަކަށްފަހު ސުކޫލު ދައުރުގެ އެކުވެރީން ބައްދަލުވުމުން ކިޔަވަން އުޅުނު އިރުގެ ހަނދާންތައް އާވެގެން ދިޔަ އެވެ. ޔާމީންގެ ފުށުން އަބަދުވެސް ޚާއްޞަ ގޮތެއް މިޔާއަށް ހުންނަކަން ފައިނާނަށް އެނގެ އެވެ. އެކަން އަދިވެސް ބަދަލުނުވާކަން ފައިނާނަށް ނަގައިގަންނަން އެނގުނީ މިޔާއަށް ޔާމީން ބަލާލާއިރު އެ ދެ ލޮލާއި ހިނިތުންވުމަށް އަންނަ ބަދަލުންނެވެ. މިޔާއާ މެދު ތަފާތު ޝައުގުވެރިކަމެއް ޔާމީންގެ ހިތުގައިވާކަން ޔަގީނެވެ.

"ދިމާވި ދުވަހު ހިނގާ އެއްޗެއް ކާލަން. އަހަރެންގެ ޓްރީޓް. އެތާ ތިބެ ހަމަޖެހިލައިގެން ވާހަކަދައްކާލެވޭނެ." ޔާމީން ޚިޔާލެއް ފާޅުކުރި އެވެ. މާޔާ ބަލާލީ ފައިނާނަށެވެ.

"އަހަންނަށް އޯކޭ. ޔާމީން ބިޒީއެއް ނޫންތަ؟. ވާހަކަ ފަށައިފިއްޔާ ހުއްޓަން ވަރަށް އުނދަގޫވާނެ. ވަގުތު އެބައޮތްތަ؟." ފައިނާނު މަޖާވެލި އެވެ.

"ވަގުތު އޮވެގެންނޭ މިބުނީ. ހިނގާ. މިތާ ކެފްޓީރިއާ އޯކޭތަ؟. ބޭރަށްތަ ދާނީ." ޔާމީން އަހާލި އެވެ.

"ކޮންމެތަނެއް ވެސް އޯކޭ. ދޯ މިޔާ." ފައިނާނު ބުންޏެވެ. ހިނިތުންވުމަކާއެކު މާޔާ ބޯޖަހާލީ އެވެ.

އިމާރާތުގެ ދޮރުން ނުކުމެ ނުކުމެ ހުއްޓާ ޔާމީނަށް ފޯނެއް އައެވެ. އޭނާ އެ ފޯނުކޯލަށް ޖަވާބު ދިނުމަށް މަޑުކޮށްލުމުން ފައިނާނާއި މާޔާ ވެސް މަޑުކުރީ އެންމެން އެކުގައި "ފުޑްކޯނާ"އަށް ވަންނަން ގަސްދުކޮށެވެ.

"އޯ... ހިތް އެދޭ ކުއްޖާ ނުލިބުނީމަ އެހެންކަމެއް ކުރީތަ؟." ޔާމީން ފޯނުކޯލު ނިންމާލި ވަގުތު ފައިނާނު ބުންޏެވެ. އެހިނދު ޔާމީންގެ ނަޒަރު އެއްވެސް އިޚްތިޔާރެއްނެތި ދަތުރުކޮށްލީ މާޔާއަށެވެ.

ގަސްދުގައި ދިމާކުރުމުގެ ގޮތުން ނުސީދާކޮށް ޔާމީނަށް ފައިނާނު ބަހަކުން ޖަހާލީ އެވެ. ކައިރީގައި ހުރި މާޔާ ވަގުތުން ފައިނާނަށް ލޯ ބޮޑުކޮށް ބަލާލި އެވެ. އަންހެންކުއްޖަކު ފަދައިން ޔާމީނު ރަކިވިކަން އޭނާގެ މޫނުން ފާޅުވެލި އެވެ. އެއާއެކު ފައިނާނު ފެށީ ހޭށެވެ. އޭނާގެ ލާނެތްކަމަކީ ޔާމީނަށް އާކަމެއް ނޫނެވެ. އޭނާ ވެސް ހޭން ފެށުމުން މާޔާ ވެސް ހީނލައިފި އެވެ. އެވަގުތު އަރިއަކަށް ހުއްޓިލައިގެން ހުރި މާޔާއަށް އިމާރާތުގެ ތެރެއިން ހުޅުވުނު ލިފްޓުގެ ތެރެއިން އިޒީކިއަލް ހުރިހެން ހީވެ ވަގުތުން އެ ދިމާއަށް އެނބުރިލެވުނެވެ. އެހެންނަމަވެސް އޭގައި ހުރި މީހަކު ފެނުމުގެ ކުރީން ލިފްޓުގެ ދޮރު ލެއްޕިއްޖެ އެވެ.

"ކިހިނެއްވީ؟." މާޔާގެ މޫނުމަތީގައިވީ އަސަރުތައް ފެނި ފައިނާނަށް އަހާލެވުނެވެ. އެހިނދު ކަމެއްނުވެޔޭ ބުނާ ފަދައިން މާޔާ ނިކަން އަވަހަށް ބޯހޫރާލައިފި އެވެ.

* * * * *

ލެއްޕުނު ލިފްޓު އަލުން ހުޅުވާލުމާއެކު އިޒީކިއަލް ނުކުތެވެ. އޭނާ މަޑުމަޑުން އައިސް "ފުޑްކޯނާ"އަށް ވަނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ ސިޑިން އަރައިގެން ދާ ދެ އަންހެން ކުދީންނާއި އެމީހުންނާއެކީ ހުރި ޒުވާނާއަށެވެ. އިޒީކިއަލްގެ މޫނުމަތިން ފާޅުވަނީ ކަމަކާ ހިތްހަމަނުޖެހިފައި ހުރި ކުލަވަރެވެ. ފަޓުލޫނު ޖީބުން ފޯނު ނެގި ގޮތަށް އޭނާ އެތަނުން ބޭރަށް ނުކުމެ ޒާހިލްއަށް ގުޅި އެވެ.

"ކޮންގްރާ މޭން. ވަރަށް އަވަހަށް ވަރިވާނެހެން ހީވަނީ." ޒާހިލް ފޯނު ނެގުމާއެކު ހެލޯއޭ ބުނެވެސް ނުލާ އިޒީކިއަލް ވާހަކަދެއްކި އެވެ.

"ވަރިއޭ... ކީކޭ ތިކިޔަނީ." ޒާހިލްއަށް އޮޅުންނުފިލައިގެން އަހާލި އެވެ.

"ޔޫ އާ ގެޓިން އަ ޑިވޯސް ސޫން." އިޒީކިއަލް މިފަހަރު ބުނެލީ އިނގިރޭސި ބަހުންނެވެ.

"ސަމާސާ ނުކޮށްބަލަ. އެ އަންހެނާ ވީ ޑަކްޓަރަށް ގޮސް. އަހަރެންނަށް ވަރިހަމަ އޭނާ ކޮންމެކަމެއް ކުރިޔަސް." ފަރުވާކުޑަ ރާގެއްގައި ޒާހިލް ބުންޏެވެ.

"އެހެން ފިރިހެނަކާއެކު އެބައިނޭ ބުނެއްފިއްޔާ... މީ ރަނގަޅު ޗާންސެއްނޫންތަ؟." އިޒީކިއަލް ބުންޏެވެ. އޭނާ އެއްލި ބުޅީގައި ޒާހިލް ޖެހުނެވެ.

ކޮންތާކުންތޯ ފައިނާނު ފެނުނީ ޒާހިލް ސުވާލު ކުރި އެވެ. އަދި އިޒީކިއަލް ކައިރީ އެކަމުގައި އޭނާއަށް އެހީތެރިވާން އެދުނެވެ. ފައިނާނަށް ފާރަލާން ޒާހިލް ބޭނުންވި އެވެ. އެކަމުގައި އިޒީކިއަލް ހުރީ ބައިވެރިވާން ތައްޔާރަށެވެ. ހަޤީޤަތުގައި އޭނާގެ އަމިއްލަ މަޤްޞަދު ހާޞިލު ކުރުމަށް ޒާހިލްގެ ބޭނުން ހިފީ އެވެ.

ޑަކްޓަރަށް ދައްކާ ކޮޓަރިއަށް އިޒީކިއަލް އައިސް ވަނެވެ. ޑަކްޓަރާ ވާހަކަދައްކަމުން ދިޔަ ސޫޒަންއަށް ލިބުނީ ސިހުމެކެވެ. އޭނާ ތެދުވެ އިޒީކިއަލްއާ ގާތަށް ފިޔަވަޅު އަޅާލަން އުޅުނު ހިނދު ގޮނޑީގެ ފައިގައި އަޅައިގަތް ކަމަށް ހެދުނެވެ. ވެއްޓެން ދިޔަ ސޫޒަންގެ ގައިގާ އިޒީކިއަލް ހިފީ ހުސިޔާރު ކަމާއެކު އެވެ.

"ކެއާފުލް... ނިމުނީތަ؟" އިޒީކިއަލް އަހާލި އެވެ.

ސޫޒަން ހޫން ލައްވާލިއިރު އޭނާ ހުރީ އިޒީކިއަލްގެ މުލައްދަނޑީގައި ހިފާލައިގެން ނުކުންނަން ބޭނުންވެފައި ހުރި މީހަކު ފަދައިންނެވެ. އެހެންވެ އިތުރު ވާހަކައެއް ނުދައްކާ އިޒީކިއަލް އިހަށް ޑަކްޓަރު ކޮޓަރިން ނުކުތީ އެވެ. އޭނާ ސޫޒަން ގޮވައިގެން ހޮސްޕިޓަލުން ނުކުންނަން އައެވެ.

"ކީކޭ ޑަކްޓަރު ބުނީ؟." އިޒީކިއަލް އަހާލި އެވެ.

"ހީ ސެޑް އައި އޭމް ބެޓާ." ހިނިތުންވެލަމުން ސޫޒަން ބުންޏެވެ.

"ދެޓްސް ގުޑް." އިޒީކިއަލްއަށް ބުނެލެވުނެވެ.

ހޮސްޕިޓަލުން މަގުމައްޗަށް ނުކުމެ ދުވާރު މަތީ ސޫޒަންއާއެކީ އިޒީކިއަލް މަޑުކޮށްލައިގެން ހުރީ ހިލްމީ ކާރުގައި އަންނާތީ އެވެ. ކާރު އަންނަތަން ފެނުމާއެކު ސޫޒަންގެ އަތުގައި ހިފައިލައި ގާތްކޮށްލަމުން އޭނާއަށް އިޒީކިއަލް ގޮވާލި އެވެ.

"ސައުތް ޕްރޮޖެކްޓްގެ ކަމެއްގައި ސައިޓަށް ޖައްސާލަން ޖެހިއްޖެ. ވަރަށް މަސައްކަތް ކޮށްފިން އެހެން މީހަކު ބަދަލުގައި ފޮނުވޭތޯ. މައްސަލައަކީ މެއިން ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ އެހެން ކޮމްޕެނީއެއްވީމަ. އަހަރެން ހުންނަން ކޮންމެހެން ވެސް ޖެހޭ. އެމަޖެންސީކޮށް އެކޮޅަށް ނައްޓާލަން އެބަޖެހޭ. މިހާރު އެންމެން ލޯންޗާ ދިމާލަށް އެބަދޭ. ހިލްމީއާއެކީ ސޫޒީ ދާންވީނު. ބަލާނަން ވަރަށް އަވަހަށް ނިންމާލެވޭތޯ. މިރެޔަށް ނިމުނަސް މިރޭ ވެސް ލާންޗެއް ހަމަޖައްސައިގެން އެނބުރި އަންނާނެ." އިޒީކިއަލް ބުންޏެވެ. ސޫޒަންގެ ޠަބީޢަތް ގޯސްވެލައިފިކަން އޭނާގެ މޫނުން ސާފުކޮށް ފާޅުވެގެން އައެވެ.

"އެކަމަކު...ކުއްލިއަކަށް..." ސޫޒަން އާދޭސްކުރާން އުޅުނު ހިނދު އޭނާގެ މޫނުގައި އިޒީކިއަލް ދެ އަތުން ހިފަހައްޓާލި އެވެ.

"އައި ޕްރޮމިސް. އައިލް ބީ ބެކް ވެން އައިމް ޑަން. ނުކުރާނަން މަޑެއް. ސޫޒީގެ ކައިރިޔަށް އަންނާނީ. ޕްލީޒް ސޫޒީ. ޕްލީޒް އަންޑަސްޓޭންޑް." މިފަހަރު އާދޭސްކުރީ އިޒީކިއަލް އެވެ. ނިކަން ލޯބިންނެވެ. ސޫޒަންއަށް ފާޅުގައި އޭނާ ދޮގު ހަދައި އޮޅުވާލީ ހިތާއި ސިކުނޑީގައި ރާވަމުންދިޔަ އެޖެންޑާގެ ދަށުންނެވެ. އޭރު ސޫޒަންގެ ހިތުގައި ވެސް އިޒީކިއަލްއާ މެދު ވަނީ ޝައްކާއި ވަހުމެވެ.

"ކަމޯން ސޫޒީ. ދެރަނުވެބަލަ. ނުރޮއްޗޭ. އަހަރެން ހަމަޖެހިގެން މަސައްކަތް ކުރާނީ ކިހިނެއް ސޫޒީ ރޮއްވާފައި ގޮސް. އަހަންނަށް މިސްޓޭކެއް ހެދިއްޖެއްޔާ ލިބޭ ގެއްލުން ފޫބައްދާނީ ކިހިނެއް؟. ތީ އަހަރެންގެ ހުރިހާ ވެސް މީހަކީ. އަހަރެންގެ ލޯތްބަކީ. އަހަރެންގެ ސްޓްރެންތަކީ. މަސައްކަތް ދިގުދެމިގެން ދިޔަޔަސް އަހަރެން ދެ ދުވަހަށްވުރެ ގިނައެއްކޮށް މަޑެއް ނުކުރާނަން. އެގޮތް އެންމެ ރަނގަޅެއްނު. ގިވް މީ ޓޫ ޑޭޒް. އައި ޕްރޮމިސް. އެޔަށްވުރެ ގިނަ ދުވަހު ސޫޒީއަށް އިންތިޒާރު ކުރާކަށް ނުޖައްސާނަން. ފަހަރެއްގައި އެހެން ނުވެވެސް ހިނގައިދާނެ. އަވަހަށް ނިމިއްޖެއްޔާ އަވަހަށް އަންނާނަމޭ މިބުނީ. އަހަރެން ފްރީވާއިރަށް ސޫޒީއަށް ގުޅާނަން. ހިލްމީ ކައިރީ ބުނާއިރަށް އެކަމެއް އޭނާ ކޮށްދޭނެ. ޔޫ އެންޑް ހައިކް ޓޭކް ކެއާ އިނގޭ." ކާރުގެ ދޮރުފަތް ހުޅުވާލައިގެން ހުރެ އިޒީކިއަލް ވާހަކަދެއްކި އެވެ. އަދި ސޫޒަންގެ ނިތްކުރީގައި ބޮސްދީފައި ކާރަށް އަރަން އިޒީކިއަލް އިޝާރާތްކުރި އެވެ. އެތައް ވާހަކައެއް ދައްކަން ބޭނުންވެފައި ހުރެ ވެސް ސޫޒަންއަށް ޖެހުނީ އިޒީކިއަލްގެ ބަސް ޤަބޫލުކުރާށެވެ.

"ސޫޒީ ގެއަށް ލާފައި ހިލްމީ އަހަރެންނަށް ގުޅާލައްޗޭ." ސޫޒަން ކާރަށް އަރައި ހަމަޖެހުމުން ޑްރައިވަރު ސީޓުގައި އިން ހިލްމީއަށް އިޒީކިއަލް ބުނެލި އެވެ. އޭނާ ލައްބައޭ ބުނެލުމުން އިޒީކިއަލް ކާރުގެ ފަހަތު ދޮރުފަތް ލައްޕާލައި އެވެ.

ހިލްމީ ކާރުގައި ނައްޓާލަންދެން ބަލަން ހުރެފައި އިޒީކިއަލް ނެގީ ފޯނެވެ. އަދި އޭނާ ވަގުތުން ޒާހިލްއަށް ގުޅައިފި އެވެ. އޭނާ ކޮބާތޯ އަންނަނީ ކޮންއިރަކުންތޯ އޮޅުންފިލުވި އެވެ.

(ނުނިމޭ)