އޮބިޗުއަރީ

ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު އަބްދުލްހަންނާން އަވަހާރަވެއްޖެ

ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު މިއަދު އަވަހާރަވެއްޖެ އެވެ

އަބްދުލްހަންނާން އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.

އިބްރާހީމް ނާސިރުގެ ވެރިކަމުގައި އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެން އެމަނިކުފާނު ވަނީ 10 އަހަރު ވަޒީރުކަން ކުރައްވާފަ އެވެ.

މީގެއިތުރުން ދެވަނަ ޖުމްހޫރިއްޔާގެ ދަށުން އެކުލަވާލި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް އަބްދުލްހަންނާން ކުރައްވާފައިވެ އެވެ.

އަބްދުލްހަންނާން އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ ހަންނާން ހަލީމު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

"މަރުހޫމް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާ ކުރަމެވެ. އަދި ﷲގެ ރުއްސެވުމާ ފުއްސެވުމުގައި އެ ކިލެގެފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ހެޔޮ ދުއާ ކުރަމެވެ." ރައީސްގެ މެސެޖުގައިވެ އެވެ.