ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެފްގައި މިރޭ ޕޯޗުގަލްއާއި ޗެކްރިޕަބްލިކް ވާދަކުރިއިރު، މީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމު ވާދަކުރި ހަތަރުވަނަ ފަހަރެވެ.
މިމެޗު ނިމެން ދަނިކޮށް އިތުރު އަޑީގައި ގޯލް ޖަހައިގެން ޕޯޗުގަލް ވަނީ ޗްކް ރިޕަބްލިކް އަތުން މޮޅުވެފަ އެވެ.
މިމެޗު ވެގެން ދިޔައީ ފޯރިގަދަ ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނުނު މެޗަކަށެވެ. ދެޓީމުގެ ސަޕޯޓަރުންވެސް މެޗުގެ ގިނަ ވަގުތު ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހޭވަރުގެ ކަންކަން މިމެޗުގައި ހިނގާފައި ވެއެވެ.
ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނެވެ. ޕޯޗުގަލް އިން ޗެކް ޓީމުގެ ފަހަތަށް ބާރުބޮޑު ކުރަމުން ދިޔައިރު، ޗެކް ޓީމުން ދިޔައީ ވަރުގަދަ ޕޯޗުގަލްގެ ހަމަލާތައް ހުއްޓުވަމުންނެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އެހެންނަމަވެސް ޕޯޗުގަލް އިން ވަރަށް ނުރައްކާތެރި ހަމަލާތައް ފޮނުވާލައިފައިވެ އެވެ.
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގިނަ ފުރުސަތު ތަކެއް ލިބުނު ނަމަވެސް ކާމިޔާބުކޮށް ނިންމާލެވޭ ގޮތެއް ނުވިއެވެ. އެހެންނަމަވެސް ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. އޭނާގެ ނަލަ ކޮށްޓުން ތަކާއި ގިނަ ޝޮޓްތަކެއް ފެނުނެވެ.
ރޮނާލްޑޯ ވަނީ މެދުތެރެއަށް ފައިބައިގެން ބޯޅަ ހޯދާ ރަނގަޅު ފުރުސަތު ތަކެއް ޕޯޗުގަލްއަށް ފަހިކޮށް ދީފަ އެވެ.
ދެވަނަ ހާފުގައި ޗެކް ރިޕަބްލިކުން ކުޅުން ރަނގަޅުކޮށް، ބަދަލުތަކެއް ގެނެސް އެޓޭކް ކުރަމުން އައި ގޮތަށް ބަދަލުތަކެއް ގެނަ އެވެ. ނަތީޖާ އަކަށްވީ ޕޯޗުގަލް ސިއްސުވާލައި ޗެކް ރިޕަބްލިކުން ލީޑު ނެގުމެވެ. މެޗުގެ 62 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ލޫކަސް ޕްރޮވޮޑް އެވެ. މިއީ މެޗުގައި ޗެކް ރިޕަބްލިކުން ގޯލާ ސީދާކޮށް ޖެހި ފުރަތަމަ ޝޮޓެވެ.
ޕޯޗުގަލް އިން ލަސްތަކެއް ނުވެ ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 69 ވަނަ މިނެޓްގައި ޕޯޗުގަލް އިން ޖެހި މި ލަނޑަކީ ޗެކް ރިޕަބްލިކްގެ ރޮބިން ރަނަކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ޕޯޗުގަލް އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. މި ގޯލު ޕޯޗުގަލްއަށް ކާމިޔާބުކޮށްދީފައިވަނީ ފްރެންސިސްކޯ ކޮންސެއިސޯ އެވެ. އުމުރުން 21 އަހަރުގެ ފޯވާޑް ކުޅެން އެރީ މެޗު ނިމެން މަދު މިނެޓް ކޮޅަކަށް ވެފައި ހުއްޓަ އެވެ.