ދުނިޔެ

"ސައިޕްރަސްއިން އިޒުރޭލަށް އެހީތެރިވާނަމަ ހަމަލާދޭނަން"

އިޒުރޭލާ ލުބްނާނާ ދެމެދު އޮތް ނުތަނަވަސްކަން ހަނގުރާމައަކަށް ބަދަލުވެދޭނެ ކަމަށް އަސްކަރީ މާހިރުން ބުނެ އެވެ. މިފަދަ ހާލަތެއްގައި ސައިޕްރަސްއިން އިޒްރޭލަށް އެހީތެރިވާނެ ކަމަށް ވެސް އޮތީ ބެލެވިފަ އެވެ.

ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ބުނާ ގޮތުން، ލުބްނާނަށް ހަމަލާދިނުމަށް ސައިޕްރަސްއިން އިޒްރޭލަށް އެހީތެރިވެއްޖެ ނަމަ، ހިޒްބުﷲގެ ބާރުގަދަ ރޮކެޓްތަކުގެ އަމާޒަކަށް ސައިޕްރަސް ވާނެ އެވެ.

އިޒުރޭލުން ހަމައެއް ލަމައެއް ނުބަލައި ހިޒްބުﷲގެ އަމާޒުތަކަށް ހަމަލާދޭ ނަމަ ދުނިޔެއަށް އަންގައިވެސް ނުލައި ހަނގުރާމައެއް ފަށަން ޖެހިދާނެ ކަމަށް އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހިޒްބުﷲއިން އިޒްރޭލަށް ހަމާލާދީ ބޮޑެތި ގެއްލުންތަކެއް ދީފި ނަމަ، ސައިޕްރަސްގެ ވައިގެ ސަރަހައްދު ބޭނުންކުރަން ހުއްދަ ދިނުމަށް ޔޫރަޕިއަން ޔޫނިއަނުން ވެސް ދަނީ ސައިޕްރަސްއަށް ޕްރެޝަރުކުރަމުންނެވެ. ސައިޕްރަސް އަކީ އިޔޫގެ މެމްބަރު ގައުމެކެވެ.

އިޒްރޭލާ ސައިޕްރަސް އަކީ ވެސް އަސްކަރީ ގުޅުން ބަދަހިކުރުމަށް އެއްބާރުލައިގެން ތިބި ދެ ގައުމެވެ. މި އެއްބަސްވުމުގެ ދަށުން ސައިޕްރަސްގެ އެއާޕޯޓާއި ބަނދަރުތައް އިޒުރޭލުގެ ބޭނުންތަކަށް ދޫކުރުމަކީ ވެދާނެ ކަމެކެވެ.

ހިޒްބުﷲގެ އިންޒާރުގައި އޮތް ގޮތުން ސައިޕްރަސްގެ ވައިގެ ބަނދަރު އަދި އެއްގަމު ބަނދަރުން ބައެއް ނަމަވެސް އިޒުރޭލުގެ ބޭނުމަށް ދޫކޮށްފި ނަމަ، ސައިޕްރަސްގެ ސަރުކާރުން ހަނގުރާމައިގެ ތެރެއަށް ވަނީ އެވެ.

މިފަދަ ހާލަތެއްގައި ރައްދު ހަމަލާދިނުމަށް ހޭވެސ އަހާނުލާނެ ކަމަށް ހިޒްބުﷲ އޮތީ ބުނެފަ އެވެ. ސައިޕްރަސްއަށް ހަމަލާދޭނެ ތަނަކާއި ވަގުތެއް ކަނޑައަޅާނީ ވެސް ކުރިން އެންގުމެއް، އިޝާރާތެއް ނެތި ކަމަށްވެސް ވަނީ ބުނެފަ އެވެ.

ހިޒްބުﷲގެ މި އިންޒާރަށް ސައިޕްރަސްއިން ވަނީ ތެޅިފޮނިގަނެގެން ޖަވާބުދީފަ އެވެ. ސައިޕްރަސްގެ ސަރުކާރުން ބުނީ، ހަނގުރާމައެއްގެ ތެރެއަށް ވަނުމަކީ އެ ގައުމުގެ ވިސްނުމެއް ނޫން ކަމަށެވެ.

ސައިޕްރަސް އަކީ އެއްވެސް ބަޔަކާ ހަނގުރާމަކޮށް ދުޝްމަނުން ހޯދަން ދުވާ ގައުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތްކުރާނީ ހަނގުރާމަތައް ހުއްޓުވުމަށާއި އެކުވެރިވެ ސުލްހަވުމަށް ކަމަށެވެ.