ކްރިމިނިނަލް ކޯޓަށް ބަންދު މުއްދަތަށް އިއްޔެ ހާޒިރު ކުރި 14 މީހުންގެ ތެރެއިން ނުވަ މީހުންނަކީ ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންނެވެ. މި ބަލާލަނީ ހަމަ އެކަނި ބުރާސްފަތި ދުވަހު، ވައްކަމުގެ މައްސަލަތަކުގައި ކޯޓަށް ގެންދިޔަ މީހުންގެ ބައެއް ނަންބަރުތަކަށެވެ.
މުއްދަތަށް ހާޒިރު ކުރި 14 މީހުންގެ ތެރެއިން ނުވަ މީހުންނަކީ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ މީހުންނަށްވީއިރު، މީގެތެރޭގައި ހިމެނެނީ އަށް ފިރިހެނުންނާއި އަންހެނެކެވެ.
މި އެންމެންވެސް ބަންދު ކުރަން ކޯޓުން އަމުރުކުރިއިރު، އެކި މީހުންނަށް ޖެހީ އެކި މުއްދަތެވެ. ގިނަ މީހުން 15 ދުވަހަށް ބަންދު ކުރިއިރު، ބައެއް މީހުން ތިން ދުވަހަށް އަދި ފަސް ދުވަހަށް އަދި އެކަކު 10 ދުވަހަށްވެސް މުއްދަތު ޖެހި އެވެ.
ބަންދު ކުރި މީހުންގެ އުމުރު އުޅެނީ 46 އަހަރާއި 21 އަހަރާއި ދެމެދު ގައެވެ. އެންމެ ދޮށީ މީހާގެ އުމުރު 46 އަހަރުކަމުގައިވީއިރު، އެންމެ ހަގު މީހާގެ އުމުރަކީ 21 އަހަރެވެ. އަންހެން މީހާގެ އުމުރަކީ، 41 އަހަރެވެ. ގިނަ މީހުންގެ އުމުރު އުޅެނީ ރާއްޖޭގައި ޒުވާނުންގެ އުމުރުކަމުގައި ބަލާ 35 އަހަރަށްވުރެ މަތީގައެވެ.
ކޯޓުން އިއްޔެ ބަންދު މުއްދަތު ޖެހި ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ ނަންބަރުތަކުން އެންމެ ބޮޑު ހައިރާންކަމެއް ލިބެނީ އެ މީހުންގެ ބަންދު، ނުވަތަ ހައްޔަރު ރެކޯޑަށެވެ. މި ނުވަ މީހުންގެ ޖުމްލަ ރިކޯޑަށް ބަލާއިރު 358 ބަންދު ރެކޯޑް އެބައޮތެވެ.
މި ކިޔައިދެނީ ތަފްސީލުތަކެވެ. ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރި އުމުރުން 21 އަހަރުގެ މީހާގެ 58 ހައްޔަރު ރެކޯޑް އެބައޮތެވެ. މިއީ، އުމުރުން 18 އަހަރުގެ ފަހުގެ ރެކޯޑްތައް ކަމަށް ބަލާނަމަ، އެވްރެޖްކޮށް މަހަކު އެއް ފަހަރަށްވުރެ ގިނައިން އޭނާ ބަންދު ނުވަތަ ހައްޔަރުކޮށްފައިވެ އެވެ.
މި ނުވަ މީހުންގެ ތެރެއިން އެންމެ ގިނަ ހައްޔަރު / ބަންދު ރެކޯޑް އޮތް މީހާގެ 82 ރެކޯޑް އެބައޮތެވެ. އޭނާގެ އުމުރަކީ 36 އަހަރެވެ. ދެން ހުރި ރެކޯޑްތަކަށް ބަލާއިރު، އެކަކު 69 ފަހަރު، އެކަކު 42 ފަހަރު، އެކަކު 40 ފަހަރު، އެކަކު 40 ފަހަރު އަދި އެކަކު 29 ފަހަރު ބަންދު ނުވަތަ ހައްޔަރުކުރަން އަމުރު ނެރެފައިވެ އެވެ. ވައްކަމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަންހެން މީހާގެ ރެކޯޑަށް ބަލާއިރު އޭނާގެ 17 ބަންދު / ހައްޔަރު ރެކޯޑް އެބައޮތް ކަމަށް ރިޕޯޓުން ދައްކަ އެވެ.
ކްރިމިނަލް ކޯޓުން އާއްމުކޮށްފައިވާ ބަންދު އަމުރުތަކުގައި ހިމެނޭ ތަފްސީލްތަކުގައި އެކެއްގެ ރެކޯޑްތަކުގެ އަދަދު ނެތް ނަމަވެސް އެ މީހާވެސް ހިމަނައިގެން އެވްރެޖު ހަދާފައިވުމުން ހަގީގަތުގައި ނަންބަރުތައް އިތުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއީ ހައިރާންވާ ފަދަ ނަންބަރު ތަކެކެވެ.
އެއް ދުވަހުގެ ބަންދު އަމުރު ރިޕޯޓްތައް ފިލްޓަ ކޮށްގެން ނަގާފައިވާ ހަމަ އެކަނި ވައްކަމުގެ މައްސަލަތަކުގެ ނަންބަރުތަކުން އެނގިގެންދާ އެއް ކަމަކީ ކުށްކުރުމުގައި އެއް ބަޔަކު ތަކުރާރުވަމުން އަންނަ ކަމެވެ. މި ނަންބަރުތައް ބުނެދޭ އަނެއް ހަގީގަތަކީ ގާނޫނު ތަންފީޒު ކުރުމުގައި ދައުލަތް ނުކުޅެދިފައިވާ މިންވަރެވެ.