އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް މަސްވެރިން ހުއްޓުވާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.
އައްޑޫގައި މިދިޔަ ހަފްތާ އިން ފެށިގެން މަސްވެރިން އިހްތިޖާޖު ކުރަމުންދަނީ އެމީހުން މިފްކޯއަށް ކިރުވި މަހުގެ ފައިސާ ނުދޭތީ އާއި މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވަމުންނެވެ.
މިފްކޯ އިން ބުނީ މަސްވެރިންގެ އިހުތިޖާޖުގެ މިފްކޯގެ ކޮމްޕްލެކްސްގެ މަސައްކަތަށް ހުރަސް އަޅައި، ވަގުތީގޮތުން އެތަނުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް މަސްވެރިންނާ ދެކޮޅަށް އެއްވެސް ފަރާތަކުން އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށްވެސް ބުންޏެވެ.
މިފްކޯ އިން ބުނީ މި އިހުތިޖާޖުގެ ތެރެއިން މަސްވެރިން އިއްޔެ ވަނީ މުވައްޒަފުންގެ ކެންޓީނަށް ހުއްދައަކާ ނުލާ ވަދެ ކާ އެއްޗެހިވެސް ނަގާފައި ކަމަށާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކުން ކަރަންޓުވެސް ކަނޑާލާފައި ކަމަށެވ. ނަމަވެސް ފުލުހުން އެދިގެން އެކޮމަޑޭޝަން ބްލޮކަށް މިހާރު ވަނީ ކަރަންޓް ދީފަ އެވެ.
މިފްކޯގެ އެކޮމަޑޭޝަން ބްލޮކުން ކަރަންޓް ކަނޑާލުމާ ގުޅިގެން އެތަނުގެ މުވައްޒަފުން ރޭ ނިދީ ބޭރުގައި ސަތަރި އަޅައިގެންނެވެ. އެކަމަކު އެމީހުންނަށް ކެވޭނެ އަދި ފާހާނާ ކުރެވޭނެ ރަނގަޅު ގޮތެއް މިވަގުތު ނެތް ކަމަށްވެސް މިފްކޯ އިން މައުލޫމާތުދެ އެވެ.
މަސްވެރިން ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އެކޮމޮޑޭޝަން ބްލޮކްގެ އިތުރުން އެޑްމިން އިމާރާތާއި މިސްކިތުންނާއި ކެފެޓީރިއާ އިން ކަރަންޓް ކަނޑާލާފަ އެވެ. އަދި އެތަނުގައި ހުރި ސިސްޓަމް ޝަޓްޑައުން ކޮށްފައިވާ ކަމަށްވެސް މިފްކޯ އިން ބުނެ އެވެ.
މިފްކޯއިން ބުނީ މިއަދު ހަވީރު 4:00ގެ ފަހުން މިފްކޯ ކޮމްޕްލެކްސް އިން މުވައްޒަފުން ނެރެ، އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް މުޅި ސަރަހައްދު ގެންދާނެ ކަމަށް ބުނެ މަސްވެރިން އިންޒާރު ދީފައިވާ ކަމަށެވެ.
މިފްކޯއިން ވަނީ މި އިހްތިޖާޖު ވީހާވެސް ސުލްވަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަސްވެރިންގެ ކިބައިން އެދިފަ އެވެ.
އިހްތިޖާޖު ކުރާ މަސްވެރިން ބުނާ ގޮތުގައި އެ މީހުންނަށް ފައިސާ ނުދޭތާ ދެ މަސް ވެއްޖެ އެވެ. އަދި ގާތްގަނޑަކަށް މަސްވެރިންނަށް 80 މިލިއަނެއްހާ ރުފިޔާ ނުލިބި އޮތް ކަމަށްވެސް އެ މީހުން ދަނީ ބުނަމުންނެވެ.
މަސްވެރިންނަށް މިދިޔަ ހަފްތާގެ މިފްކޯ އިން ޖަމާކޮށްދޭން ބުނި 46 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަމަށްވެސް މަސްވެރިން ބުނެ އެވެ.