ބައެއްގެ އަތުން ގަންނަ އެއްޗެއްގެ އަގު އަދާކުރުމަކީ އެ އެއްޗެއް ގަންނަ ބައެއްގެ ވާޖިބެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވެފައި މިވަނީ މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުދީގެން އައްޑޫގެ މަސްވެރިން ވަރުގަދައަށް މުޒާހަރާ ކުރަމުން ދަނިކޮށެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ގަންނަ އެއްޗެއްގެ އަގު އަދާކުރުމަކީ ގަންނަ ބައެއްގެ ހެޔޮކަމުން ނުވަތަ ދީލަތިކަމުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި ސަރުކާރުން މަސްވެރިންގެ އަތުން ގަނެފައިވާ މަހުގެ ފައިސާ ނުދައްކާނަމަ އެއީ ގޯހެއް ކަމަށެވެ.
"މަސްވެރިންގެ އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދައްކާނަމަ އެއީ ގޯހެއް, އޭގައި ދެއްކޭނެ ބަހަނާއެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ އައްޑޫ މަސްވެރިންނާއި އެހެން މަސްވެރިންގެ އަތުންވެސް ގަނެފައިވާ މަހަށް ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
އައްޑޫގައި މިދިޔަ ހަފްތާ އިން ފެށިގެން މަސްވެރިން އިހްތިޖާޖު ކުރަމުންދަނީ އެމީހުން މިފްކޯއަށް ކިރުވި މަހުގެ ފައިސާ ނުދޭތީ އާއި މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވަމުންނެވެ.
އިހްތިޖާޖު ކުރާ މަސްވެރިން ބުނާ ގޮތުގައި އެ މީހުންނަށް ފައިސާ ނުދޭތާ ދެ މަސް ވެއްޖެ އެވެ. އަދި ގާތްގަނޑަކަށް މަސްވެރިންނަށް 80 މިލިއަނެއްހާ ރުފިޔާ ނުލިބި އޮތް ކަމަށްވެސް އެ މީހުން ދަނީ ބުނަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ މެއި މަހުގެ 19 ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެފައިވެ އެވެ.
ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށްފަހު ނުވަތަ "ބެކް ލޮގް" ސާފުކުރުމަށްފަހު މަސްވެރިންނަށް ދޭންވާ ފައިސާ އެއްވެސް ވަރަކަށް ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.