މަސްވެރިން މިފްކޯ އަށް ކިރާފައިވާ މަހަށް ދޭންޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ޝާހިދު މިކަމަށް ގޮވާލާފައި މިވަނީ މިފްކޯއަށް ކިރާފައިވާ މަހަށް ފައިސާ ނުދޭތީ އާއި ލޭނު އެޅުމުގެ ހުއްދަ ދިނުމާ ދެކޮޅަށް މަސްވެރިންގެ ބަޔަކު މިއަދު މުޒާހަރާކުރަން ފަށާފައި ވަނިކޮށެވެ.
ޝާހިދު ވިދާޅުވީ ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހްތިޖާޖުގެ އަޑު ސަރުކާރުން އަހަންޖެހޭ ކަމަށެވެ. އަދި މަސްވެރިން މިފްކޯ އަށް ކިރާފައިވާ މަހަށް ދޭންޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދޭންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"މިއަދުގެ ސަރުކާރު ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހުގެ ތެރޭ ފައިސާ ޖަމާ ކުރާނެކަމަށް ވައުދުވެކަން ދިވެހި މަސްވެރިން އެގެންދަނީ ތަކުރާރުކޮށް ހަނދާން ކޮށްދެމުންނެވެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި އަހަރު ކުރީކޮޅުވެސް މަސްވެރިންނަށް ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ނުދީ އެތައް މަހެއް ވެގެން ދިއުމުން މަސްވެރިން މުޒާހަރާ ކުރަން ފެށުމާ އެކު އޭރު އެ ފައިސާ ދިނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކަން މަސްވެރިން ހަނދާން އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މިވަގުތު އިތުރު އިންތިހާބެއް ބޯމަތީގައި ނެތް ނަމަވެސް މަސްވެރިން އަތުން ގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ހައްގެއް ކަމަށެވެ.
"ސަރުކާރުން އެ ހައްގު ވަގުތުން އަދާކުރުމަށް ގޮވާލަމެވެ،" ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މަސްވެރިންނަށް ނުދީ ހުރި 80 މިލިއަނެއްހާ ރުފިޔާ ދިނުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ.