ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ އިގްތިސާދީ ހާލަތު ކިޔައިދޭން ބޭއްވި ބައްދަލުވުން ސިއްރުކޮށްފި

ދައުލަތުގެ އިގްތިސާދީ ހާލަތު ކިޔައިދިނުމަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ހާޒިރުވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މިބައްދަލުވުމަށް މިނިސްޓަރު ވަޑައިނުގަންނަވަ އެވެ. އެކަމަކު ކަމާ ގުޅޭ ލިޔުންތައް ކޮމިޓީއަށް ފޮނުއްވި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދު ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީން ލިޔެކިޔުންތައް ފޮނުވާފައި ހުރީ އެ މައުލޫމާތު ސިއްރު ކުރާ ގޮތަށެވެ. އެހެންވެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފެށުމަށްފަހު ވަނީ ކޮމިޓީ ސިއްރުކުރުމާ މެދު ގޮތެއް ނިންމުމަށް ވޯޓަށް އަހާފަ އެވެ.

ޕީއެންސީގެ ސާފު އަގުލަބިއްޔަތު އޮތް މާލިއްޔަތު ކޮމިޓީން ނިންމީ މިއަދުގެ ބައްދަލުވުން ސިއްރުކުރުމަށެވެ.

މާލިއްޔަތު ކޮމިޓީގައި މީގެކުރިން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމު ވަނީ ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ގޯސްކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފަ އެވެ. އެހެންވެ އެ ދުވަހު އޭނާ ހުށަހެޅުއްވީ ގައުމުގެ އިގްތިސާދީ ހާލަތު މަޖިލީހަށް އަދި ރައްޔިތުންނަށް ސާފުކޮށް އޮޅުން ފިލުވައިދިނުމަށެވެ. އަދި މިވަގުތަށް ރައްޔިތުންނަށް "ހިތި ބޭސް ސިޓީއެއް އޮތިއްޔާ" އެކަން ނުފޮރުވުމަށްވެސް ނާޒިމު އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ގެންދަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ސަރުކާރުންނާއި އެމްއެމްއޭ އިން ވެސް ބުނެފައިވެ އެވެ.