މުހައްމަދު އަމީން

ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓް ދޫކުރަން ފަށައިފި

އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ ކޮންވެކްޝަންގައި ބަޔާންކުރާ މިންގަނޑަށް ފެތޭ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓް (ސިޑް) ދޫކުރަން ފަށައިފި އެވެ.

ބައިނަލްއަގްވާމީ ސީފެއަރާ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ސިޑްގެ އިންތިޒާރުގައި ގާތްގަނޑަކަށް އަށް އަހަރު ދުވަސް ތިބި އެތައް ދިވެހި ސީމަނުންގެ އިންތިޒާރަށް އިއްޔެ އަކީ ނިމުމެއް ގެނެސްދީފައިވާ ދުވަހެއް ކަމަށެވެ.

ސިޑް އަކީ އައިއެލްއޯގެ މުއާހަދާއެއް ކަމަށްވާ "ދަ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓްސް ކޮންވެކްޝާން" އަށް ގެނެވުނު ބަދަލާއެކު ސީމަނުންގެ އަތުގައި އޮންނަން މަޖުބޫރު ލިޔުމެކެވެ. މި ލިޔުން ސީމަނުންނަށް ދެނީ ކާޑެއްގެ ގޮތުގަ އެވެ.

"މިއަދުން ފެށިގެން ސިޑް ދޫކުރަން ފެށިކަން އުފަލާއެކު ފާހަގަކުރަން،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ނިމިގެން ދިޔަ ދެ ސަރުކާރުންވެސް މިކަން ކޮށްދީފައި ނުވާ ކަމަށާއި، ސީމަނުން މިސަރުކާރަށް ހުށަހެޅި އެންމެ މުހިއްމު ކަމަކީ ވެސް ރާއްޖެއިން އެމީހުންގެ އައިއެލްއޯ ކާޑު ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. މިކާޑު ލިބުމުން ސީމަނުންނަށް އެތައް ގޮތަކުން ފަސޭހަ ވެގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިގޮތުން ސީމަނުންނަށް ސައްހަ އައިޑެންޓިޓީ ޑޮކިއުމެންޓެއްގެ ގޮތުގައި ސިޑް ގަބޫލުކުރާތީ، ފެސިލިއޭޓް ޝޯ ލީވް، ޓްރާންސިޓް، ޓްރާންސްފާ އަދި ރިޕެޓްރިއޭޝަން ލިބިގެންދެ އެވެ. އަދި ސިޑް އޮތުމުން ސީމަނެއްކަން ކަށަވަރުކޮށްދޭތީ، އެމްއެލްސީގެ ދަށުން ވަކި ހައްގުތަކާއި، އިނާޔަތްތަކާއި، ސިއްހީ ފަރުވާ އަދި ވެލްފެއާގެ ޝަރުތު ހަމަވާކަން ސާބިތުކޮށްދެވޭނެ އެވެ. މީގެ އިތުރުން ސިޑްއިން އައިޑެންޓިޓީ ވަގަށް ނެގުމާއި، މަކަރާއި ހީލަތް އަދި ޓެރަރިޒަމް ހުއްޓުވުމުގެ ސަބަބުން، އެމީހެއްގެ އައިޑެންޓިޓި ޔަގީންކޮށްދެވެ އެވެ.

"ކާޑް ލިބުމުން ބްރެޒިލް ފަދަ ބޮޑެތި ގައުމުތަކަށް ދިއުމާ ނުވަތަ އެއްވެސް އިންޓަނޭޝަނަލް ލައިނެއްގައި މަސައްކަތް ކުރާއިރު އިދާރީ މައްސަލައެއް ދިމާ ނުވާނެ،" އަމީން ވިދާޅުވި އެވެ.

ބޯޓު ދަތުރުކުރާ މީހުންނަށް ކުރިން ދިމާވެފައިވާ މައްސަލަތަކާއެކު ވަޒީފާ ގެއްލި، ގޮންޖެހުންތަކެއް ދިމާވި ނަމަވެސް އަމީން ވަނީ މިހާރު މި ދާއިރާއަށް ނިކުންނަން ބޭނުންވާ މީހުންނަށް ފަހި ފުރުސަތު އޮތް ކަމަށް ވިދާޅުވެ ބޭރަށް ދަތުރުކުރަން ދިއުމަށް ދަފްތަރުގައި ޖެހެން ބޭނުންވާ މީހުން އެކަންވެސް ކުރުމަށް ގޮވާލާފަ އެވެ.

އަމީން އިތުރަށް ވިދާޅުވީ ސިޑް ދޫކުރަން ފެށުމަކީ ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސީފެއަރާސް ހިދުމަތަށް ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.