ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ގަވާއިދު އެކުލަވާލަން އިތުރު ވަގުތު ދެނީ

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް އިތުރު ވަގުތު ދޭން މިއަދު ވޯޓަށް އަހަން ނިންމައިފި އެވެ.

މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ އާންމު ކޮމިޓީއާ ހަވާލުކުރަން ފާސްކުރީ މިދިޔަ މޭ 28 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގަ އެވެ.

ގަވާއިދުގެ މަސައްކަތް މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ނިންމާ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އެދުވަހު ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގަވާއިދު އެކުލަވާލުމަށް އިތުރު ވަގުތު ބޭނުންވާކަން ކޮމިޓީން ހާމަކޮށްފައިވާ ކަމަށެވެ.

"ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ ސުންގަޑި ހަމަވާން ކައިރިވެފައިވާތީ އެ މަސައްކަތް ނިންމެވުމަށް އިތުރު އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދި މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ސިޓީއެއް ފޮނުވާފަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮމިޓީން އެދިފައިވާ ގޮތަށް މަޖިލީހުގެ ގަވާއިދު އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އިތުރު އެއްމަސް ދުވަސް ދިނުމާމެދު މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އަހާނެ ކަމަށެވެ.