ރައްޔިތުންގެ މަޖިލިސް

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލްގެ ބަހުސް ފަށައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލްގެ ބަހުސް މިއަދު ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.

ބިލް މަޖިލީހަށް ތައާރަފުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައ ެވެ.

ބިލްގެ މަގުސަދުތަކުގެ ތެރޭގައި ފަންޑު ބޭނުންކުރެވޭނެ ކަންކަމާއި، ފަންޑު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސާދީ ކާރިސާގެ ހާލަތްތަކުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުން ހިމެނެ އެވެ.

ފަންޑަށް ޖަމާކުރެވޭ ފައިސާ

  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 10 ޕަސެންޓް
  • ދައުލަތުން ދޫކުރާ ސޮވްރިން ގެރެންޓީތަކުގެ ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ
  • ގަވަނިން ކައުންސިލުގެ ލަފާގެ މަތިން ފަންޑަށް ޖަމާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެހެނިހެން ފައިސާ

ފަންޑަށް ޖަމާކުރާ ފައިސާ ބޭނުންކުރެވޭނެ ކަންކަމުގެ ތެރޭގައި ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުން ދަރަނި އަދާކުރެވެން ނެތް ހާލަތުގައި އެ ދަރަނި އަދާކުރުމަށާއި ގައުމަށް ކުރިމަތިވާ އާދަޔާހިލާފު އިގުތިސާދީ ކާރިސާއަކުން އަރައިގަތުމަށްޓަކައި ބަޖެޓް ޑެފިސިޓަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުން ހިމެނެ އެވެ.

ބިލްގައިވާ ގޮތުން ދައުލަތުގެ ޖުމްލަ ބޭރުގެ ދަރަންޏަށް ރިއާޔަތްކޮށް ގަވަނިން ކައުންސިލުގެ ލަފާގެ މަތިން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރުމަށް ކަނޑައަޅާ ފައިސާގެ މިންވަރު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލް މި ސަރުކާރުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅި އެވެ. އެ މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ އޭރުގެ މެންބަރު މޫސާ ސިރާޖު އެވެ. ނަމަވެސް އެ މަޖިލީހުގައި މި ބިލް ވަނީ ބޭރުކޮށްލާފަ އެވެ.