ރައްޔިތުންގެ މަޖިލިސް

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

މި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހަޅާ ބިލެއްގެ ގޮތުގައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ހާއްސަ އިސްކަމެއް ދީގެން މި ބިލު ހުށަހެޅުމުން ޔަގީން ވަނީ މާލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާނެކަން ކަމަށެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހަށް ހުށަހަޅައިފައިވާޢިރު މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުން ޖުމްލަ 24 ބިލެއް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ސޮވްރިން ފަންޑަށް ޑޮލަރު ޖަމާކުރަން ފަށައިފައިވާ ކަމަށާއި ބޭރު ފައިސާ ގައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެ ދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.