ބޭރު ކުޅިވަރު

ޕީއެސްޖީ މެޗުގައި ޓެރީ އަށް ނުކުޅެވޭނެ: ހިޑިންކް

Mar 7, 2016

ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕީއެސްޖީއާއެކު ކުޅޭ މެޗުގައި ކެޕްޓަން ޖޯން ޓެރީ އަށް ނުކުޅެވޭނެ ކަމަށް ޗެލްސީން ބުނެފި އެވެ.

އަނިޔާގެ ސަބަބުން ޕްރެމިއާ ލީގުގައި އެންމެފަހުން ޗެލްސީ ކުޅުނު ތިން މެޗުގައި ވެސް ނުކުޅެހުރި ކުޅުންތެރިޔާގެ މާދަމާރޭގެ މެޗަށް ނުކުތުމަކީ ކޯޗު ގުސް ހިޑިންކް ގަބޫލުކުރާ ކަމެއްނޫނެވެ.

"އޭނާގެ އަނިޔާ މިހާރު ރަނގަޅު. އެކަމަކު އަހަރުމެން އުއްމީދުކުރާ ވަރުގެ ވަރުގަދަ ކުޅުމެއް ކުޅެން އޭނާ ޓީމުގައި ހިމެނުމުގެ ފުރުސަތެއްނެތް. ކުރިއަށްވުރެ ވަރަށް ބޮޑަށް އޭނާ އިމްޕްރޫވްވެއްޖެ. އެކަމަކު މެޗުން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ،" ހިޑިންކް ބުންޏެވެ.

ޓެރީ ނެތުމަކީ ދެންތިބި ކުޅުންތެރިން ފަރުވާތެރިވާންޖެހޭ ކަމެއްކަން ވެސް ހިޑިންކް ބުންޏެވެ. އޭނާ އަދި ބުނީ ޗެލްސީގެ ބައެއް ކުޅުންތެރިން ތިބީ ވަރަށް ފޯރީގައި ކަމަށާއި އަނެއްބައި ކުޅުންތެރިން ހޭލައްވަން ޖެހޭ ކަމަށެވެ.

"މެޗުގެ ސީރިއަސްކަން ބައެއް ކުޅުންތެރިންނަށް ވިސްނައިދޭންޖެހޭ. އަހަރުމެން މި އޮތީ ރަނގަޅު ޓްރެކްގައި. މިހެންވީމަ އަހަރުމެންގެ ހުރިހާ ކުޅުންތެރިން ވެސް ސީރިއަސްވާންޖެހޭ،" ހިޑިންކް ބުންޏެވެ.