ކުޅިވަރު

ބަކާ ނިޔާވެއްޖެ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވެއްޖެ އެވެ.

ބަކާ، އުމުރުން 38 އަހަރުގައި މިއަދު ނިޔާވީ އޭނާގެ ހާލު ރޭ ކުއްލި ގޮތަކަށް ސީރިއަސްވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ރެއިން ފެށިގެން ފަރުވާ ދެމުން ދަނިކޮށެވެ.

ބަކާގެ ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔައީ އާދަޔާހިލާފަށް ހުން ގަދަވެގެން ކަމަށް "އަވަސް" އަށް މައުލޫމާތު ދެމުން އޭނާގެ އާއިލާ މީހަކު ރޭ ބުނެފައިވެ އެވެ.

ބަކާ ރޭ ހޮސްޕިޓަލަށް ގެންދިޔައީ މިއަހަރުގެ ހައްޖުގެ އަޅުކަން އާދަކުރުމަށްފަހު މާލެ އައިތާ ދެވަނަ ދުވަހު ކަމަށް އެނގިފައިވެ އެވެ.

އޭނާއަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދެއްވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާންގެ ހާއްސަ ފުރުސަތެއްގެ ތެރެއިންނެވެ.

އައްޑޫ ސިޓީގެ ހިތަދޫއަށް އުފަން ބަކާ ފުޓުބޯޅައިގައި ވިދާލީ އައްޑޫ ވިޔަފާރިވެރިން އުފެއްދި އައިއެފްސީންނެވެ.