މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރާންގްނިކްގެ އިރުޝާދުގެ ދަށުން ކުޅެ އޮސްޓްރިއާ އިން ޔޫރަޕިއަން ޗެމްޕިއަންޝިޕް މުބާރާތުގެ ގަދަ 16 އިން ޖާގައެއް ހޯދައިފި އެވެ.
ނެދަލޭންޑްސް އާއި އޮސްޓްރިއާ މިރޭ ބައްދަލުކުރި ކުރި މެޗުން އޮސްޓްރިއާ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
ޔޫރަޕުގެ ފުޓްބޯޅައިގައި ގަދަ ދެބާރު ފްރާންސް އާއި ނެދަލޭންޑްސް އޮތް ގްރޫޕުގެ އެއްވަނަ ހޯދައިގެން ރާންގްނިކްގެ ކޯޗުކަމުގައި ފާހަގަ ކުރޭ މޮޅު ކުޅުމެއް ދައްކައި އޮސްޓްރިއާ އިން ހޯދާފައި މިވަނީ ހީވެސް ނުކުރާ ވަރުގެ ބޮޑު ކާމިޔާބީ އެކެވެ.
މުބާރާތުގައި މިހާތަނަށް އެންމެ ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަަމަ ހާފުގައި ގޯލު ޖަހައި ލީޑު ނެގީވެސް އޮސްޓްރިއާ އިން ނެވެ. އެހާފު ނިމުނީ 1-0 ގެ ލީޑެއްގައި އޮސްޓްރިއާ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން މާގިނައިރުތަކެއް ނުވަނީސް ނެދަލޭންޑްސް އިން ވަނީ އެ ޓީމުގެ ފުރަތަމަ ގޯލް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެފަހުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޮސްޓްރިއާ އިން އަނެއްކާވެސް 2-1 ލީޑެއް ނެގި އެވެ. އެކަމަކު އޭގޭ އިރުކޮޅެއް ފަހުން މެޗުގެ 75 ވަނަ މިނެޓުގައި އަނެއްކާވެސް ނެދަލޭންޑްސް އިން ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކުރި އެވެ.
މިމެޗުގައި އޮސްޓްރިއާ މޮޅުކޮށްދިން ގޯލު މެޗުގެ 80 ވަނަ މިނެޓުގައި ޖަހައިދިނީ ސަބިޓާ އެވެ، އެއާއެކު އޮސްޓްރިއާ އިން ލީޑު ފުޅާކޮށް ނެދަލޭންޑްސް ޓީމުގެ އުއްމީދުތައް ފުނޑުފުނޑު ކޮށްލި އެވެ.
މި ނަތީޖާއާ އެކު ގަދަ 16 އަށް އޮސްޓްރީއާ ދަތުރުކުރީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ފްރާންސް ގަދަ 16 އަށް ދިޔައީ ގްރޫޕުގެ ދެވަނައިގައި އޮވެގެންނެވެ.
މިގްރޫޕްގައި ދެން ހިމެނޭ ޕޮލެންޑް ވަނީ މި މުބާރާތުން ފުރަތަމަ ކެޓި ޓީމަށް ވެފަ އެވެ.