ބޭރު ކުޅިވަރު

ސަޕޯޓަރުންގެ ނުރުހޭނަމަ ނަތީޖާ އަށް އަސަރުކުރާނެ: ވެންގާ

Mar 7, 2016

އާސެނަލްގެ ސަޕޯޓަރުން ކުލަބާމެދު ހިތްހަމަނުޖެހުން ކުރާ ކަންތައްތަކުގެ ނޭދެވޭ އަސަރު އެކުލަބުގެ ނަތީޖާތަކަށް ފޯރާނެ ކަމަށް ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގެ އެއްވަނާގައިވާ ލެސްޓާ ސިޓީ އަށްވުރެ އަށް ޕޮއިންޓް ފަހަތަށް އާސެނަލް ވެއްޓުމުންނެވެ.

"ސަޕޯޓަރުންގެ ނޭދެވޭ ހަރަކާތްތަކުގެ އަސަރު ޓީމަށް ކުރާނެ. އަހަރެން އުއްމީދު ކުރަނީ ސަޕޯޓަރުން ތިބީ ހިތްހަމަޖެހިފައި ކަމަށް. ޓީމުގެ އިތުބާރު ދަށްވާނެ ސަޕޯޓަރުން ކުރާ ނޭދެވޭ އަމަލުތަކުގެ ސަބަބުން. ކުޅުންތެރިންގެ ކޮންފިޑެންސް ދަށްވެއްޖެނަމަ އުއްމީދެއް ނޯންނާނެ،" ވެންގާ ބުންޏެވެ.

އޭނާ އަދި ބުނީ 2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޕްރެމިއާ ލީގު ކާމިޔާބު ކުރަން އާސެނަލް މަސައްކަތް ކުރާއިރު ކުރިއަށް އޮތް ނުވަ މެޗަކީ ވަރަށް މުހިންމު މެޗުތަކެއް ކަމަށެވެ. އަދި ޓޮޓެންހަމް އަތުން މިދިޔަ ހަފުތާގައި 2-2އިން އެއްވަރުވި މެޗުގައި ވެސް ކުޅުންތެރިން ވަރަށް ހިތްވަރުކުރި ކަމަށާއި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

ފަހަކަށް އައިސް އާސެނަލްގެ ސަޕޯޓަރުން ކުލަބާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދަނީ ދެ ކަމެއްގަ އެވެ. އެއީ ސަޕޯޓަރުންނަށް ޓިކެޓް އަގުބޮޑު ކުރުމާއި ޓީމުގެ ނަތީޖާ ދަށްވުމުންނެވެ.