އަބްދުﷲ ޝާހިދު

ދިވެހިން މަކުޑިއަޅުވާ ބަންދުކޮށް ހުއްޓުވިދާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ: ޝާހިދު

ދިވެހިން މަކުޑިއަޅުވާ ބަންދުކޮށް ހުއްޓުވިދާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލުކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީއަށް 19 އަހަރު ފުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޝާހިދު ވިދާޅުވީ ދިވެހިންނަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެ ކަމަށާއި އެ ޕާޓީއަށްވެސް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެ ކަމަށެވެ. ޕާޓީއަށް 19 އަހަރުވެފައިވާއިރު މިއީ ކޮންމެ ގޮތެއް ވަރިހަމަ ނުވެވޭނެކަމުގެ އުމުރު ކަމަށް ވިދާޅުވި އެވެ.

"‏ދޮގާއި މަކަރާއި އޮޅުވާލުމުގައި ދިވެހިން މަކުޑިއަޅުވާ، ބަންދުކޮށް، ހުއްޓުވިދާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލު ކުރާނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށް ހީއެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ އުންމީދެވެ. ފާރަވެރި ވާދަވެރި ސިޔާސީ ނިޒާމެއްގެ އެޕާޓީއަކީ އަލި ދަންމަރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާންމު ރައްޔިތުންގެ ހަމައިގައި ހަމަ ހަމަ ފުރުސަތު އޮންނަ ނޫ އިގުތިސާދަކާއި ޖީލުތައް ރައްކާތެރިވާނެ ތިމާވެށި ހިމާޔަތް ދިރިއުޅުމެއް ދިވެހިންނަށް ހޯދައިދިނުމީ އުފާވެރި ދިވެހިރާއްޖެއެއްގެ އަސާސު ކަމަށެވެ.

"މާތްވެގެންވާ އިސްލާމްދީނުގެ ތަރުބިއްޔަތާއި ޒަމާނީ ޑިމޮކްރެޓިކް މުޖުތަމައެއްގެ ސިފަތައް ދައުލަތުގެ އެންމެހައި ބަހާތަކުން ފެންނަކަން ކަށަވަރު ކުރުމަކީ މި ޕާޓީގެ އަމާޒު،" ޝާހިދު ވިދާޅުވި އެވެ.