ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ދަރަންޏާ ބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ދައުލަތުގެ ނަމުގައި ދަރަނި ނެގުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ދަރަނި މެނޭޖްކުރުމާގުޅޭ އުސޫލުތައް ބަޔާންކުރާ ދައުލަތުގެ ދަރަންޏާބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލް މަޖިލީހަށް ތައާރަފުކޮށްފަ އެވެ.

ބިލްގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ އާއި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކުރެވިގެން އަދި އެންމެ ހަރަދު ކުޑަވާނެ ގޮތަކަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުން ދައުލަތުގެ ނަމުގައި ދަރަނި ނެގުމަށް ސަރުކާރު ބާރުވެރިކުރުވުން ހިމެނެ އެވެ.

ދައުލަތުން ދަރަނި ނަގައި ބަލަހައްޓައި މެނޭޖުކުރަނީ ގައުމުގެ އިގުތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވިގެން އަދި ގައުމުގެ އިގުތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުމަކީވެސް ބިލްގެ މަގުސަދެކެވެ.

ބިލްގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވާލައި ތަންފީޒުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި ރައްޔިތުންގެ މަޖިލީހަށާއި އެނޫންވެސް ދައުލަތުގެ ކަމާބެހޭ އޮފީސްތަކަށާއި އާންމުންނަށް ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ހާސިލުކުރެވުނު ނަތީޖާތަކާއި އެކަމާބެހޭ މައުލޫމާތު ގަވާއިދުން ހާމަކުރުން ހިމެނެ އެވެ.

ބިލްގައިވާ ގޮތުން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު ދައުލަތުގެ ކުންފުނިތަކާއި ދައުލަތުގެ ޕަބްލިކް ފައިނޭންޝަލް ކޯޕަރޭޝަންތަކާއި މަރުކަޒީ ބޭންކް ފިޔަވައި ދައުލަތުގެ ނަމުގައި ދަރަނި ނެގުމާއި މި ބިލް ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ދަރަންޏާގުޅޭ އެންމެހައި ކަންކަން ކުރުމުގެ ބާރު ލިބިގެންދަނީ ފިނޭންސް މިނިސްޓަރަށެވެ.