މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ރާއްޖެއާ ޗައިނާއާއި ދެމެދު ކަރަންސީ ސެޓުލްމަންޓެއް ގާއިމުކުރަނީ

ރާއްޖެއާއި ޗައިނާއާއި ދެމެދު ފަސޭހައިން ވިޔަފާރި ކުރެވޭ ގޮތަށް ކަރަންސީ ސެޓުލްމަންޓް ނިޒާމެއް ގާއިމުކުރުމަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޗައިނާގެ ކޮމާސް މިނިސްޓަރު ވޮންގް ވެންޓައޮ މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ 15 ވަނަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވުމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ޗައިނާއަށް ވަޑައިގެން ދަތުފުޅުގައި ފޯރަމްގެ ހަވާސާ ގައެވެ.

ޗައިނާގެ ޑާލިއަން ޕްރޮވިންސްގެ ޑާލިއަން ކޮންގްރެސް ހޯލުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާއި ދެމެދު ފަސޭހައިން ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެހެން ރުފިޔާއާއި ޔޫއާން ބޭނުންކޮށްގެން ކަރަންސީ ސެޓުލްމެންޓް ނިޒާމެއް ގާއިމުކުރުމަށް ދެ ބޭފުޅުން މަޝްވަރާ ވަނީ މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވީހާވެސް އަވަހަށް ފުރިހަމަ ކުރުމަށްވެސް ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފަ އެވެ.

"ވިޔަފާރީގެ ދާއިރާއިން ލުއިފަސޭހަތަށް ގެނައުމަށްޓަކައި، ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ، ބޮޑެތި މާކެޓްތަކާއެކު މިފަދަ ކަރަންސީ ސެޓުލްމެންޓް އެރޭންޖްމެންޓްތައް ހެދުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަމެއް،" އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ސޮއި ކޮށްފައިވާ 20 އެއްބަސްވުމެއްގެ ތެރެއިން ވިޔަފާރިއާއި އިގްތިސާދާ ގުޅޭ ހަތަރު އެއްބަސްވުމެއްގައި އިކޮނޮމިކް މިނިސްޓްރީން ސޮއި ކޮށްފައިވެ އެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއާއި ޗައިނާއާއި ދެމެދު ފަސޭހައިން ވިޔަފާރި ކުރެވޭ ގޮތަށް ކަރަންސީ ސެޓުލްމަންޓް ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމެއް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.