މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ

ހަންކެޑެ ބްރިޖު އަންނަ މަހު ހުޅުވާލަނީ

އައްޑޫގެ ޑީޓުއާ ބްރިޖް ނުވަތަ ހަންކެޑެ ބްރިޖު ކުރިއަށް ޖުލައި މަހު އާންމުންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.

އިންފްރާސްޓްރަކްޗާ މިިނިސްޓްރީން ބުނީ ބްރިޖުގެ މަސައްކަތުގެ މިހާރު 95 ޕަސަންޓް މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ބްރިޖުގައި ނިންމަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހުރީ ކްރޭޝް ބެރިއާ އަދި އެކްސްޕެންޝަން ޖޮއިންޓް ހަރުކުރުމާއި ބްރިޖުގެ މަސައްކަތް ކުރުމަށް ވަގުތީ ގޮތުން އަޅާފައިވާ ވެލިތައް ބްރިޖުގެ ދަށުން ނެގުމެވެ.

"އަންނަ ޖުލައިމަހު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ބްރިޖު ހުޅުވާލުމުގެ ތައްޔާރީތައް ދަނީ ވަމުން،" މިނިސްޓްރީން ބުނެފައިވެ އެވެ.

ހަންކެޑެ ބްރިޖަކީ އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ހަދާފައިވާ ބްރިޖެކެވެ. މިއީ 2021 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ފެށި މަޝްރޫއެކެވެ.