ޔޫރޯ 2024

މުބާރާތުން ފުރަތަމަ ކެޓި ޓީމަކަށް ލެވެންޑޯސްކީގެ ޕޮލެންޑް

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ފުރަތަމަ ކެޓި ޓީމަކަށް ޕޮލެންޑް ވެއްޖެ އެވެ.

ޕޮލެންޑް އެއް މެޗު ކުޅެން ބާކީ އޮއްވާ މުބާރާތުން ކަޓާފައި މިވަނީ ބާސެލޯނާގެ ފޯވަޑް ލެވެންޑޯސްކީއަށް މުބާރާތުގައި ކުޅެލާނެ ރަނގަޅު ފުރުސަތެއް ނުލިބި، އޭނާގެ ގޯލެއް ނުފެނި އުޅެނިކޮށެވެ.

ޕޮލެންޑް އަދި އޮސްޓްރިއާ މިރޭ ވާދަކުރި މެޗު 1-3ގެ ނަތީޖާއަކުން އޮސްޓްރިއާ ވަނީ ކާމިޔާބުކޮށްފަ އެވެ. އެހިސާބުން ވެސް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ޕޮލެންޑަށް އޮތެވެ. އެހެންނަމަވެސް އެޓީމުގެ އަމިއްލަ ބާރު ކެނޑުނީ އެވެ.

ޕޮލެންޑް ވަނީ ވިދިވިދިގެން ދެމެޗުންވެސް ބަލިވެފަ އެވެ.

ޕޮލެންޑް މުބާރާތުން ކަޓާފައި މިވަނީ ފްރާންސާއި ނެދަލޭންޑްސް ކުޅުނު މެޗު އެއްވަރުވުމުގެ ސަބަބުންނެވެ.

ގުރޫޕް ޑީގައި ފްރާންސް އަދި ނެދަލެންޑްސް ވާދަކުރި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ.

އެއްވެސް މެޗަކުން މޮޅުނުވެ ޕޮލެންޑް އޮތީ ގްރޫޕުގެ ފުލުގައެވެ. އޮސްޓްރިއާއަށް އަދިވެސް ގަދަ 16 އަށް ދާން ފުރުސަތު އެބަ އޮތެވެ. އެހެންނަމަވެސް މި ގްރޫޕުން 16 އަށް ދިއުމުގެ ފުރުސަތު ބޮޑީ ނެދަލޭންޑްސް އާއި ފްރާންސަށެވެ.

ގަދަ 16ގެ ޖާގަތަކަށް ގޮތް ނިންމޭނީ މިގްރޫޕްގައި ކުޅޭ ފަހު މެޗުތަކުން ނެރޭ ނަތީޖާ އަކުންނެވެ.