( 23 ޖޫން 2024 އާ ގުޅޭ )
މަންމައާއި ކާފަ ދިއުމުން ޒާހިލް ހަރުކޮށް ހިނގާފައި ގޮސް ވަނީ އޭނާ ނިދާ ކޮޓަރިއަށެވެ. ކުރީން އައިސްފައި ހުރި ރުޅި ދިޔައީ ކޮންތާކަށް ކަމެއް އޭނާއަކަށް ނޭނގެ އެވެ. ޒާހިލްއަށް ވިސްނަން އިނދެވުނީ އެވެ. އެހެން އިންއިރު އޭނާގެ އަތާ ދިމާއިންނާއި ބުރަކަށިން ކާފަގެ އަސާގައި ހުރިވަރު އިޙްސާސް ވޭވޭ ހުއްޓެވެ. މި ހުރިހާ ކަމެއް މިވީ ފައިނާނާ ހެދިގެންނޭ ބުނާން ބޭނުންވީ ނަމަވެސް ޒާހިލްގެ ޟަމީރު އެކަމާ އެއްބަހެއް ނުވި އެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި ދިގު ސޯފާގައި އިށީނދެލައިގެން އިން ޒާހިލްއަށް އިސްއުފުލާލަން މަޖުބޫރުވީ ކޮޓަރީގެ ދޮރު ހުޅުވުނުކަން އެނގިގެންނެވެ. އޭނާއަށް ދޮރުން ވަން ފައިނާނާއި އޭނާގެ އަތުގައި އޮތް ފަސްޓްއެއިޑް ފޮށި ފެނުނެވެ.
"ކީއްކުރަން މިކޮޓަރިއަށް ތިވަނީ." ރުންކުރުކަމާއެކު ޒާހިލް ބުންޏެވެ.
ވާހަކައެއް ދެއްކުމެއްނެތި ފައިނާނު އައިސް ޒާހިލް އިން ސޯފާގެ އެއްކޮޅުގައި ފަސްޓްއެއިޑް ފޮށި ބެހެއްޓި އެވެ. އެއާއެކު އަނެއްކާ ވެސް ޒާހިލް ވާހަކަދައްކައިފި އެވެ.
"އަޑެއް ނީވޭތަ؟. ކާކު ހުއްދަ ދީގެންހޭ މިތަނަށް ތިވަނީ." ޒާހިލް ބުންޏެވެ.
"މީ ތަދުވާ ތަންތާ އުނގުޅާ ބޭހެއް. އާވިކަމެއް ހުރެދާނެ. ސޯ ދިލަ ނަގާ ގޮތް ވެދާނެ. މާބޮޑަށް ތަދުވަންޏާ މި ކާޑުން ގުޅައެއް ކާލާ." ފަސްޓްއެއިޑް ފޮށިން ނެގި ބޭސްފުޅިއާއި ބޭސްކާޑު ފޮށީގެ މަތިގަނޑު މަތީ ބާއްވާލަމުން ފައިނާނު ބުންޏެވެ.
"އަހަރެން މިއައީ ޒާހިލްއަށް އުނދަގޫކުރާކަށްނޫން. އެނގޭ ކާފަ ޖެހި ގޮތުން ތަދުވާނެކަން. މި ހުރީ ބޭސް. ޒާހިލްއަށް އެނގޭނީ ކަންތައް ކުރާނެ ގޮތެއް." ފައިނާނު މިހެން ބުނެ އެނބުރިލީ އެ ކޮޓަރިން ނުކުންނާށެވެ. ހަމަ އެހިނދުން ޒާހިލް އޭނާގެ އަތުގައި ހިފައިފި އެވެ. އެކަކުއަނެކެއްގެ ނަޒަރު ސީދާވެލި އެވެ. ޒާހިލްގެ ދެ ލޮލުން ރުޅިވެރިކަމެއް ފައިނާނަށް ނުފެނުނެވެ. ފިރިމީހާގެ ފުށުން ތަފާތު މަޑުމައިތިރިކަމެއް ފާޅުވީތީ ފައިނާނު ދުށްޓެވެ.
"މަޑުކޮށްބަލަ." ޒާހިލް މަޑުމަޑުން ބުނެލި އެވެ.
"ކީއްކުރަން." ފައިނާނަށް އަހާލެވުނީ ގަޔާނުވެގެން އަހާލެވުނު ފަދަ ރާގެއްގަ އެވެ.
"އަހަރެން އަމިއްލައަށްތަ ބޭސް ހާކަންވީ." ޒާހިލްގެ ފުށުން ފާޅުވީ މަޑުމައިތިރިކަން ކުއްލިއަކަށް ބަދަލުކޮށްލީ ފައިނާނުގެ ޖަވާބު އައި ގޮތުންނެވެ.
"އަމިއްލަ ދެ އަތް ނެތީތަ" ފައިނާނަށް ބުނެވުނެވެ. ޒާހިލްގެ މަޤްޞަދު ނޭނގޭތީ އޭނާއަށް އިތުބާރުކުރާން ފައިނާނަށް އުނދަގޫލީ އެވެ.
"އަނތްބަކު ހުރީ ކޮންމެވެސް ކަމަކުއެއްނު." ޒާހިލް ބުންޏެވެ.
"ވާއޮ! އަނތްބަކު ހުރިކަން އެނގޭތަ؟." ފައިނާނު އަޖައިބުވީކަން މޫނުމަތިން ދައްކާލި އެވެ.
ޒާހިލްގެ އަތް ފޮޅުވާލާފައި ފައިނާނު ދާންވެގެން އުޅުނެވެ. ނަމަވެސް އޭނާއަށް ފުރަގަސް ނުދެވެނީސް ޒާހިލް ކުއްލިއަކަށް ފައިނާނުގެ އަތުގައި ހިފައި ގާތަށް ދަމައިގަތެވެ. ސިހުމުގެ ހަޅޭކަކާއެކު ފައިނާނު ވެއްޓުނީ ޒާހިލްގެ އުނގަށެވެ. އެކަމަށް ސަމާލުކަމެއް ނުދީ ސޯފާގައި އަނބިމީހާ ބައިންދާފައި ޒާހިލް ތެދުވި ގޮތަށް ލައިގެން ހުރި ޓީޝާޓު ބާލައިފި އެވެ. އެތަން ފެނި ފައިނާނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ޒާހިލް ކުރަން މިއުޅެނީ ކޮންކަމެއްކަން އޭރު އަދި ފައިނާނަށް ނަގައެއް ނުގަނެވެ އެވެ.
"ކީއްކުރަން ތިއުޅެނީ؟." ފައިނާނަށް ބުނެވުނެވެ. ނަމަވެސް ޒާހިލްގެ ހަށިގަނޑު ފެނުމާއެކު ކުރި ސުވާލުގެ މަތިން ފައިނާނު ހަނދާންނެތުނު ފަދަ އެވެ. ޒާހިލްގެ ފިރިހެންވަންތަކަމާއި ލިބިފައިވާ ރީތިކަމަކީ ކޮންމެ އަންހެންކުއްޖަކު ވެސް ބަސްހުއްޓުވާލާނޭ ފަދަ ހިތްގައިމުކަމެއްކަން ފައިނާނަށް އެނގެ އެވެ. އޭނާއާއަކީ ވެސް އަންހެނެއް ވިއްޔާ އެވެ. އެފަދަ ޖާދޫއެއްގައި ނުޖެހެންވީ ސަބަބެއް ނެތެވެ. ޚާއްޞަކޮށް އެ ރީތިކަން ނިސްބަނީ އޭނާގެ ފިރިމީހާއަށް ވާއިރު ނުބުލަންވީ ސަބަބެއް ވެސް ނެތެވެ.
"ކީއްވެފަ ތިއިންނަނީ. އަހަރެން ރީތިކަމުންތަ؟." ފައިނާނު އިންގޮތް ފެނި ޒާހިލް ބޮޑާވެލި އެވެ.
"މާޝާﷲ ވަރަށް ރީތި. އެކަމަކު ތި ރީތިކަމުގެ އަގެއް ކޮބާ؟." ދެބުމަ ކައިރިކޮށްލުމާއެކު ފައިނާނު އިސްޖަހާލަމުން ބުނެލީ ދެރަވެފަ އެވެ. އަދި އޭނާ ސޯފާ އިން ތެދުވި އެވެ. މިފަހަރު ވެސް އޭނާ ދިޔަނުދީ ޒާހިލް ހިފަހައްޓައިފި އެވެ.
"ކަމޯން... މަޑުކޮށްބަލަ ފައިނާނު. އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ އެއީ. ވަރަށް ތަދުވޭ... ބުރަކަށީގެ އެ ހިސާބަކަށް އަހަރެންގެ އަތެއް ނުފޯރާ." ފައިނާނު ކައިރީ ހުއްޓިލައި ޒާހިލް މިހެން ބުނެ އޭނާގެ ބުރަކަށި ދައްކާލި އެވެ. އޭނާގެ އަރިކަށްޓާ ދިމާގައި ރަތްވެފައި ހުރި ތަންގަނޑެއް ފައިނާނަށް ވެސް ފެނުނެވެ.
"އިށީނދޭ." ފައިނާނު ބުންޏެވެ.
ސޯފާގައި ޒާހިލް އިށީނުމުން ފައިނާނު އެބަ އަންނަން ކަމުގައި ބުނެ ބޭރަށް ގޮސް އައިސްޕެކް ހިފައިގެން އައެވެ. ކުޑަ ތުވާލިކޮޅަކަށް ލާފައި އޮތް އައިސްޕެކް ޒާހިލްގެ އަރިކަށީގައި ޖައްސާލުމާއެކު އޭނާ ތަދުވެގެން ހަޅޭލަވައިގަތެވެ.
"ސޮރީ. ވަރަށް ބަލައިގެން މިހަދަނީ." ކަންބޮޑުވުމާއެކު ފައިނާނު ބުނެލި އެވެ. އަދި އޭނާ ޒާހިލްގެ ބުރަކަށީގައި ފިރުމާލި އެވެ. އެ ކުޑަކުޑަ ހަރަކާތްތަކުން ޒާހިލްގެ ހިތް ކުރީން ނުތެޅޭ ގޮތަކަށް ތެޅިލައިފި އެވެ. މީހާ އަނެއްކާ ވެސް ހިމޭންވީ އެވެ. ފައިނާނު އައިސް އަޅައިދީ ނިންމާފައި ބޭސް އުނގުޅައިދޭން ދެން ވެސް ޒާހިލް އިނީ ހިމޭންވެފަ އެވެ.
"ތެން... ތެން..." ހުރިހާކަމެއް ކޮށްދީފައި ފަސްޓްއެއިޑް ފޮށި ހިފައިގެން ފައިނާނު ނުކުންނަން ހިނގައިގަތުމުން އޭނާއަށް ޝުކުރު އަދާކުރާން ޒާހިލް ބޭނުންވި އެވެ. ނަމަވެސް އޭނާގެ ދުލުން ބަސްތަކެއް ނުނިކުތެވެ. އިސްޖަހާލައިގެން ސޯފާގައި އިންގޮތަށް އިނީ އެވެ. އޭނާއަށް ބަލާލާފައި ވެސް ފައިނާނު ހިނގައިގަތީ ޒާހިލް އެއްޗެއް ނުބުނީމަ އެވެ.
"ޝިޓް..." ފައިނާނު ކޮޓަރިން ނުކުމެ ދޮރު ލައްޕާލުމާއެކު ނިތްކުރީގައި ހިފަހައްޓާލަމުން ޒާހިލަށް ބުނެވުނެވެ. އޭނާ ހަޤީޤަތުގައި ވެސް ފައިނާނަށް ޝުކުރު އަދާކުރާން ބޭނުންވި އެވެ. އަދި ފައިނާނާ މެދު ކަންތައް ކުރެވޭ ގޮތާމެދު ވިސްނެން ވެސް ފެށުނެވެ. އަމިއްލަ ޟަމީރު އޭނާގެ ޢަމަލުތައް ހުންނަ ގޮތާމެދު ފާޑުކިޔެވެ.
"ފައިނާނު އޮޅުވައެއް ނުލާ." މަޑުމަޑުން ޒާހިލަށް ބުނެވުނެވެ. ފައިނާނުގެ ބަނޑުގައިވަނީ އޭނާގެ ދަރިއެއްކަން ޒާހިލް ޤަބޫލު ކުރީ ހެއްޔެވެ. ފިރިއަކަށްވެ ބައްޕައެއްގެ ޒިންމާ ނަގަން އޭނާ ތައްޔާރުބާ އެވެ. އެ ސުވާލުތައް އޭނާގެ ހިތުގައިވި އެވެ. ޔަގީންކަމާއެކު ޖަވާބެއް ދޭކަށް އޭނާއަކަށް ނޭނގެ އެވެ. ފައިނާނަކީ މިހާތަނަށް އޭނާ ގުޅުން ބާއްވަމުން އަންނަ އަންހެންކުދީންނާ އެއްފަދަ އަންހެން ކުއްޖެއް ނޫންކަން ޚުދު ޒާހިލަށް އެނގެ އެވެ. އޭނާ ފައިނާނާ ގާތްވީއިރު ވެސް އެ އަންހެންކުއްޖާގެ މައުސޫމްކަން އެނގެ އެވެ. އަނތްބެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ސިފައެއް ފައިނާނުގެ ފުށުން ޒާހިލަކަށް ނުފެނެ އެވެ.
ޖެހިގެން އައި ދުވަހެވެ. އިރުއޮއްސެމުން އައި ވަގުތު ފައިނާނު އިނީ ބެލްކަނީގައި ހުރި އުނދޯލީގަ އެވެ. އަބަދުމެހެން އޭނާގެ ހިތާއި ސިކުނޑީގައި ޚިޔާލަކީ ޒާހިލްއާ ކުރެވުނު ކައިވެންޏެވެ. އެހެންނަމަވެސް އެ ކައިވެނިން އޭނާއަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ލިބިދާނެބާ އެވެ. ޒާހިލް އޭނާ ބަލައިގަނެބާ އެވެ. ނޫނީ ދަރިފުޅު އުފަންވުމާއެކު ޒާހިލް އޭނާ ވަރިކޮށްލާނީ ނޫންބާ އެވެ. މިފަދަ ޚިޔާލުތަކުގައި ވަނިކޮށް ފައިނާނުގެ ލޮލުގައި އަޅައިގަތީ ބެލްކަނި ހުރަސްކޮށް އޭނާގެ ކޮޓަރިއާ ދިމާއަށް ދިޔަ ޒާހިލް އެވެ. އުނދޯލިން ތެދުވި ގޮތަށް ހަލުވި ހިނގުމެއްގައި ފައިނާނު އައީ ކޮޓަރިއާ ދިމާއަށް އައިއިރު ޒާހިލް އެ ކޮޓަރިއަށް ވަންނަނީ އެވެ.
"މިތަނަށް ވަނީ ކީއްކުރަން؟. ޒާހިލްގެ އެއްވެސް އެއްޗެއް މިތާކު ނުހުންނާނެ." ފައިނާނު ވަގުތުން ވާހަކަދެއްކި އެވެ.
"ކީއްކުރަންހޭ... ބަލަ އަހަރެންގެ އަމިއްލަ ގޭގައި އަހަރެންނަށް ނުވަދެވޭނެ ތަނެއް ހުރޭތަ؟." އެނދުގައި އިށީނދެ ޒާހިލް ބުނެލި އެވެ.
"މީ އަހަރެން ނިދާތަން. ޒާހިލްގެ ކޮޓަރިއަށް އަހަރެން ނުވަންނަން ބުނެފަ އޮތް ހެން، އަހަރެން އުޅޭ ކޮޓަރިއަށް ވެސް ޒާހިލް ވަންނާކަށް ޤަބޫލެއްނޫން. ގެޓުވެއްޖެތަ." ފައިނާނު ބުންޏެވެ.
"މި ކޮޓަރީގައި ނިދަނީ އަހަރެންގެ އަންހެނުން." ފައިނާނާ ނަޒަރު ސީދާކޮށްލައިގެން އިނދެ ހިނިތުންވެލަމުން ޒާހިލް ބުނެލި އެވެ. ފައިނާނަށް ވަގުތުން ދެބުމަ ކައިރިކޮށްލެވުނެވެ.
"މިހާރު ކޮންކަމެއް ބޭނުންވީ." ޒާހިލް ނުބައި ސަމާސާއެއް ކުރާން އުޅެނީއޭ ފައިނާނަށް ހީވީ އެވެ.
"ފައިނާނު ބުނެބަލަ. އަހަރެމެން މީ ދެމަފިރިންނެއް ނޫންތަ؟." ޒާހިލް ކޮށްލީ ނިކަން ސީރިއަސް ސުވާލެކެވެ. ޖަވާބެއް ދިނުމުގެ ކުރީން އިރުކޮޅަކު ޒާހިލްގެ މޫނަށް ފައިނާނަށް ބަލަހައްޓައިގެން ހުރެވުނެވެ. ޒާހިލް އެ އުޅެނީ ކޮންކަމެއް ހާސިލްކުރާންބާއޭ ފައިނާނުގެ ހިތަށް އަރަނީ އެވެ.
"ހޫމް. ދެމަފިރިންވިއްޔާ ކީއްވީ. އަދިކިރިޔާތަ ޒާހިލްއަށް އެވަރު އެނގުނީ." ގަސްދަކާނުލާ ވިޔަސް ފައިނާނަށް ވާހަކަދެއްކެނީ ރުންކުރުކޮށެވެ. ޒާހިލްގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. އިތުބާރު ނުކުރެވޭތީ އެވެ.
"އަހަރެން ބުނަން މިއުޅެނީ... ދެމަފިރިން ވިއްޔާ އެއް ކޮޓަރިއެއްގައި ނިދުން މައްސަލައެއް ނޫނޭ." ޒާހިލް ބުނީ މަޑުމައިތިރިކަމާއެކު އެވެ. އޭނާ އެގޮތް ބޭނުންވެފައި އިން ފަދައަކުންނެވެ.
"ޒާހިލް ހަނދާންނެތުނީތަ؟. ބުނީމެންނު އަހަރެންނަކީ ހަމައެކަނި ނަމެއްގައި އިން އަނތްބެކޭ." ޒާހިލް އަނގައިން ނުކުތް ވިހަ ބަސްތަކުން ބައެއް ފައިނާނު އިއްވާލި އެވެ.
"ހޫމް... ބުނިން ތިހެން. ކުރެވުނު ކަންތައްތަކާއި ކިޔުނު އެއްޗިއްސާމެދު މިހާރު ރިގްރެޓްވެޔޭ ބުނެފިއްޔާ ޤަބޫލު ކުރާނަންތަ؟." ޒާހިލް އަހާލި އެވެ. ދެން ވެސް ފައިނާނަށް ޤަބޫލުކުރާން ދަތިވި އެވެ. ކުރިމަތީ ފެންނަން އިނީ ހަމަ ޒާހިލްބާއޭ އަމިއްލަ ހިތާ ފައިނާނަށް ސުވާލު ކޮށްލެވުނެވެ.
"ތެދަށްތަ ތިބުނީ." ބުނަންވީ ކީކޭ ކަމެއް ނޭނގިފައި އިރުކޮޅަކު ހުރުމަށްފަހު ފައިނާނަށް އަހާލެވުނެވެ.
"ކޮންމެ ގޮތަކަށް ކަންތައްވެފައި އޮތް ނަމަވެސް މިހާރު އަހަރެމެން މިތިބީ ކައިވެނިކޮށްގެން. އެހެންވީމަ ދެމަފިރިން އުޅޭހެން ނޫޅެވޭނެތަ؟. އަހަރެން ވެސް ބޭނުމެއްނޫން މީހަކާ އިނދެގެން ހުރެ އެހެން އަންހެނުން ހޯދަން ދާކަށް... ފައިނާނު އަހަރެންނާއެކީ އުޅޭން ހުރިއްޔާ އަހަރެން ނިންމައިފިން މި ކައިވެންޏަށް ފުރުޞަތެއް ދޭން. މަންމައާއި ކާފަ ވެސް އުޅެނީ އެގޮތް ބޭނުންވެގެން. މިކަމުގައި ފައިނާނު ބޭނުންވާ ގޮތަކީކޮބާ." ޒާހިލްގެ އަޑުގައި ސީރިއަސްކަންވި އެވެ.
"އާ ޔޫ ޖޯކިން... އަހަރެން މޮޔަ ހައްދަނީތަ؟." ފައިނާނަށް އަހާލެވުނެވެ. އެހިނދު އޭނާއަށް ނަޒަރު ހުއްޓާލައިގެން އިން ޒާހިލް ދެ ފަރާތަށް ބޯހޫރާލައިފި އެވެ. އަދި އެނދުން ތެދުވެގެން އައިސް ފައިނާނުގެ ކުރިމަތީ ހުއްޓިލައި އޭނާގެ އަތުގައި ޒާހިލް ހިފާލި އެވެ.
"އަހަރެމެންނަށް އެކުގައި ނޫޅެވޭނެތަ؟." ޒާހިލް މަޑުމަޑުން އަހާލި އެވެ. ފިރިމީހާއާ އަމާޒުވެފައިވި ފައިނާނުގެ ދެ ލޯ ފެންކަޅިވާންފެށި އެވެ. އަވަސްއަވަހަށް އޭނާ އިސްޖާލަން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރީން ޒާހިލް އެ މޫނުގައި ދެ އަތުން ހިފަހައްޓާލައިފި އެވެ.
"ކިއްވެ ރޮނީ." ހައިރާންކަމާއެކު ޒާހިލަށް އަހާލެވުނެވެ.
"އަހަރެން ވެސް ބޭނުން މި ކައިވެންޏަށް... ޒާހިލްއަށް ޗާންސެއް ދޭން. އެކުގައި ހަމަޖެހޭ ދިރިއުޅުމެއް އުޅޭން. މީ އަހަރެމެން ދެ މީހުންގެ ދަރިއެއް. މި ކުއްޖާފުޅަށް ޓަކައި ވެސް އަހަރެން ޒާހިލްއާއެކީ އުޅޭން ބޭނުން. އެކަމަކު... ކުއްލިއަކަށް... ކުއްލިއަކަށް ޒާހިލްއަށް އިތުބާރު ކުރާން އަހަރެންނަށް ފަސޭހައެއްނޫން." ކަރުނައާއެކު ފައިނާނުގެ ހިތުގެ އަޑު ދުލުން އިއްވާ ދިނެވެ. ޒާހިލްގެ ކަނާއަތްތިލަ މަޑުމަޑުން ގެނެސް ފައިނާނުގެ ބަނޑުގައި ޖައްސާލި އެވެ. މީގެ ކުރީން އޭނާ އެ ދަރިފުޅާ މެދު ވިސްނާލާފައިނުވާ ކަހަލަ އެވެ. ޒާހިލްގެ އަތުގެ ތެރެއަށް ފައިނާނު ގެނެސް ބައްދާލީ އޯގާތެރިކަމާއެކު އެވެ. ފައިނާނަށް ކަރުނަތަކެއް ނުހިފެއްޓުނެވެ. ހިތުގައިވާ އުދާސްތައް ރުއިމުގެ ސިފައިގައި ފާޅުވެގެން އައީ އެވެ.
"ހުރިހާ ކަމެއް ރަނގަޅުކުރާން އަހަރެންނަށް ފުރުޞަތެއް ދީ." ޒާހިލް މަޑުމަޑުން ބުނެލި އެވެ.
* * * * *
ވިއްސާރަ ދުވަސްކޮޅަކަށް ވިޔަސް ދެކުނު ޕްރޮޖެކްޓް ކުރިޔައްދާ ސައިޓު އިންސްޕެކްޓް ކުރުމަށް ޓަކައި ކޮންމެހެން ވެސް ދާން ޖެހިގެން ދިޔަ ދަތުރުގައި މާޔާއާއެކީ އިޒީކިއަލްއާއި ޒާހިލް ވެސް ބައިވެރިވި އެވެ. އެ އެންމެން ތިބުމަށް ހަމަޖެހިފައި ހުރި ގެސްޓްހައުސްއާ ދިމާއަށް ދުއްވަމުން ދިޔަ ކާރު ކުއްލިއަކަށް ހުއްޓަން ޖެހުނީ ކައިރިން އޯވާޓޭކް ކުރި ކާރު ހުއްޓުމުންނެވެ. އޭރު ވެސް ވާރޭ ބޯކޮށް ވެހެމުންދިޔަ އެވެ. ޒާހިލް ކާރުން ފޭބީ ރުޅިގަދަވެގެންނެވެ. ކުރިމަތީ އޮތް ކާރުގެ ސަބަބުން އެމީހުން ތިބި ކާރަށް ކުރިޔަށްދާނޭ ޖާގަނެތީމަ އެވެ. ޒާހިލް ނުކުމެގެން ގޮސް ކުރީގައި އޮތް ކާރުގެ ޑްރައިވަރާ ވާހަކަދައްކާތަން މާޔާ ބަލަން އިނެވެ. އެ ކާރުން އަންހެނަކު ފޭބުމުން ދަންނަ ދަންނަ މީހަކުހެން މާޔާއަށް ހީވި އެވެ. ކާރުތެރޭ އޮތް ކުޑަ ހިފައިގެން މާޔާ ކާރުން ފޭބީ ޚަބަރު ބަލާލުމަށެވެ. އަންހެނަކާ ޒުވާބު ކުރާކަށް ޒާހިލް ފަހެއް ނުޖެހޭނެކަން މާޔާއަށް އެނގެ އެވެ. ބޯމައްޗަށް ކުޑަ ފަތުރާލައިގެން ޗަކަހެދިފައިވާ މަގަށް ނިކަން ވިސްނައިގެން މާޔާ ފިޔަވަޅު އަޅަމުން އައިސް ޒާހިލްގެ ކައިރީ މަޑުކޮށްލި އެވެ. މާޔާއަށް ހީވީ ރަނގަޅަށެވެ. ކާރުން ފޭބި އަންހެންކުއްޖާއާއި ޒާހިލާ ދެމެދު ޒުވާބު ހޫނުވަމުން ދިޔަ އެވެ. ހައިރާންކަމެއް މާޔާއަށް ލިބުނީ އެ އަންހެންކުއްޖަކީ ކާކުކަން އެނގުނު ހިސާބުންނެވެ.
"މި ރަށުގައި ހަތޫން ކީއްކުރަނީ؟." ހިތާހިތުން އަމިއްލަ ނަފްސަށް މާޔާއަށް ބުނެލެވުނެވެ. ދެން ބަލާލެވުނީ ފެންނަ ހިސާބެއްގައި ލުހާމް ހުރިތޯ އެވެ.
(ނުނިމޭ)