އާރްޑީސީ

އާރްޑީސީގެ މުވައްޒަފުންތަކެއް ވަކިކުރަނީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމައިފި އެވެ.

އާރްޑީސީ އިން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި މެމޯއެއްގައި ބުނެފައިވަނީ އެ ކުންފުނިން ހުޅުމާލޭގައި ހިންގާ އެކޮމޮޑޭޝަން ފެސިލިޓީ މެނޭޖްމަންޓް (އޭއެފްއެމް)، ސަރުކަރުގެ އެހެން މަސައްކަތަކަށް ބޭނުންކުރަން ނިންމާފައިވާތީ އޭއެފްއެމްގެ ވިޔަފާރި ހުއްޓާލައި, ބައެއް މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.

އޭއެފްއެމް އަކީ ގެއްލުންވަމުންދާ ތަނަކަށްވާތީ އެ ވިޔަފާރި ހުއްޓާލުމަށްފަހު އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ނެގުމަށްފަހު އެހެން މުވައްޒަފުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށްވެސް މެމޯގައިވެ އެވެ.

ވަޒީފާ އިން ވަކިކުރާ މުވައްޒަފުންނާ މެދު ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަންވެސް މެމޯގައި ދީފައިވެ އެވެ.

އާރްޑީސީ އިން މުވައްޒަފުންތަކެއް ވަކިކުރަން ނިންމާފައި މިވަނީ އާރްޑީސީ އިން ހަރަަދު ކުޑަކޮށްގެން 17 މިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާ ކަމަށާއި އެއީ ރަނގަޅު މިސާލެއް ކަމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައި ވަނިކޮށެވެ.