ނޭޓޯގެ އާ ސެކްރެޓަރީ ޖެނެރަލްގެ މާގާމަށް ނެދަލޭންޑްސްގެ ބޮޑުވަޒީރުގެ މަގާމުގައި މިހާރު ހުންނެވި މާކް ރުއްޓޭ ހަމަޖައްސައިފި އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ އޭނާ ހަވާލުވެ ވަޑައިގަންނަވާނީ އޮކްޓޯބަރު އެކެއްގަ އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ޔެންސް ސްޓޮލްޓަންބާގް މަގާމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނަަމަވެސް އޭނާ ކުރެއްވި ބުރަ މަސައްކަތަށް ހަދިޔާއެއް ގޮތުން މެމްބަރު ގައުމުތައް އެކައްޗެއް ކިޔައި ދެއްވި އެއް އަހަރުގެ މުއްދަތު އޮކްޓޯބަރު އެކަކަށް ހަމަވާނެ އެވެ.
ޔެންސް ސްޓޮލްޓަންބާގް އެ މަގާމުގައި ހުންނަވާތާ މިހާރު 10 އަހަރު ވަނީ ވެފަ އެވެ.
މާކް ރުއްޓޭއަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތަށް އުފާކުރައްވައި އެކްސްގައި ވަނީ މެސެޖު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުން ލިބިވަޑައިގެންނެވީ ވަރަށް ބޮޑު ޝަރަފެކެވެ.
ނޭޓޯ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މާކް ރުއްޓޭ ވިދާޅުވި އެވެ. އަދި މެމްބަރު ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާކުރެއްވުމަށް ސިޔާސަތުތައް ބަދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނޭޓޯ މެމްބަރު ގައުމުތަކުން ބުނާ ގޮތުން މާކް ރުއްޓޭ އަކީ ވާޖިބުތައް ފުރިހަމައަށް އަދާކުރައްވާނެ ބޭފުޅެކެވެ. އެ އިތުބާރު އޮތް ކަމަށްވެސް މެމްބަރު ގައުމުތަކުން ބުނެ އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނަވާ ބޭފުޅަކަށް އެ ޖަމާއަތުގެ ހުރިހާ މެމްބަރުން -- 32 ގައުމުން ރުހުންދޭން ޖެހެ އެވެ. އެ ނޫން ގޮތެއްގައި ސެކްރެޓަރީ ޖެނެރަލަކަށް ޝަރުތު ހަމައެއް ނުވެ އެވެ.
މާކް ރުއްޓޭ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވިވަޑައިގަތުމާ ގުޅިގެން މެމްބަރު ގައުމުތަކުން ވަނީ އުފާކޮށް ތަހުނިޔާ ކިޔާފަ އެވެ. ތުރުކީ އަކީ ވެސް އޭނާއަށް ތާއީދުކޮށް މެސެޖުތައް އާންމުކުރި ގައުމެކެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވި ގޮތުން މާކް ރުއްޓޭގެ ޒައާމަތުގައި ނޭޓޯގެ މިސްރާބު ހުޝިޔާރުވާނެ އެވެ. އަދި މެމްބަރުންގެ މެދުގައި އެކުވެރިކަން އާލާވާނެ އެވެ.
ސެކްރެޓަރީ ޖެނެރަލަށް ހުރިހާ ތާއީދަކާއި އެއްބާރުލުމެއް ދެއްވާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.