ރާއްޖެއިން އަލަށް ފެނިފައިވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ތެރެއިން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއިން މެނިންގޯކޮކަލް ބަލި ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ރާއްޖެއިން އަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މެނިންގޯކޮކަލް ބަލި ހުރި މީހާ ފެނުމާ އެކު އޭނާއާ އެންމެ ގާތުން އުޅެފައިވާ އެންމެން މިހާރު ދެނެގަނެ ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ބަލީގެ ބެކްޓީރިއާ ފެތުރުނަ ނުދިނުމަށް ދޭންޖެހޭ އެންޓިބައޮޓިކް ޕްރޮފެލެކްޓިކް ބޭސް ދީ ބަލި ފެތުރުމަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މެނިންގޯކޮކަލް ބަލިން ރައްކާތެރިވުމުގެ ބޭނުމުގައި އާންމުކޮށް ހުޅުވާލައިގެން އެންމެންނަށް ވެކްސިން ދިނުމަކީ ކުރާ ކަމެއް ނޫން ކަމަށެވެ. އޭގެބަދަލުގައި ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުން ހޯދާ އެމީހުންނަށް ވެކްސިން ދޭނެ ކަމަށާއި އެއީ އަމަލުކުރާ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ މެނިންގޯކޮކަލް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އާންމުކޮށް ހާލު ދެރަވަނީ 100 މީހުންގެ ތެރެއިން 10 މީހުން ކަމަށެވެ. މިބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމާ އެކު ވައިރަސް ވަރަށް އަވަހަށް ނައްތާލެވޭ ކަމުގައިވެސް ވިދާޅުވި އެވެ.
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް
- ބޮލުގައި ރިއްސުން
- ފިޓުޖެހުން
- ނޭވާ އަވަސްވުން
- ހުންއައުން
- ވާނުވާ ނޭނގޭ ގޮތްވުން
- ކަނދުރާ ވާންވުން
- ވަރުދެރަވުން
- އަލި ގަދަވުމުން އުނދަގޫވުން
- މޭނުބައިކޮށް ހޮޑުލެވުން
- ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ނެގުން
އިންވޭސިވް މެނިންގޯކޮކަލް ބަލި ފެނުނީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އައި ދިވެއްސެއްގެ ހަށިގަނޑުންނެވެ.
އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ގާތްގަޔަށް އަރާ ބައްޔެކެވެ. ބަލީގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ 7-10 ދުވަސް ތެރޭގައެވެ. މިބައްޔާ އެކު މީހާ ހާލު ކުއްލިއަކަށް ގޯސްކޮށްލާތީ މިއީ ސަމާލުވާން ޖެހޭ ނުރައްކާތެރި ބައްޔެކެވެ.