އެސްޓީއޯ

އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑްގެ އިތުރު މުދާ "ހަކަތަރި" ލޭބަލަށް

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ހިޓާޗީ ބްރޭންޑްގެ "ހަކަތަރި" ލޭބަލް ޖެހި އައިސްއަލަމާރި އަދި ދޮންނަމެޝިން ތައާރަފުކޮށްފި އެވެ.

ހިޓާޗީ ބްރޭންޑްގެ "ހަކަތަރި" ލޭބަލް ޖެހި އައިސްއަލަމާރި އަދި ދޮންނަމެޝިން ތައާރަފުކޮށްފައިވަނީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހަފުލާއެއްގަ އެވެ.

"ސެވް ދަ ވޯލްޑް" ގެ ނަމުގައި ބޭއްވި މި ހަފުލާ އިފްތިތާހުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓރީ އަޖުވަދު މުސްތަފާ އާއި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހީމް އެވެ.

މި ހަފުލާގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އިސްވެރިންނާއި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އެކްރެލިކް ހިޓާޗީ ހޯމް އެޕްލައެންސް ސިންގަޕޯ ޑިރެކްޓާ އޮފް ސޭލްސް ތަރުން ޖެއިން، އެކްރެލިކް ހިޓާޗީ ހޯމް އެޕްލައެންސް ސިންގަޕޯ ހެޑް އޮފް ސޭލްސް ޑެނިސް ޗުއާ އަދި އެސްޓީއޯގެ ކޯޕަރޭޓް ކަސްޓަމަރުން ބައިވެރިވި އެވެ.

"ހަކަތަ ސަމަކާރަ" ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި ކަރަންޓު ހަރަދު ކުޑަ ވަސީލަތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުމާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުމެވެ.

ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ މަސައްކަތްތައް ފަސޭހަވީ ނަމަވެސް ކަރަންޓު ހަރަދު ބޮޑުވެގެންދިއުމަކީ އަބަދުވެސް އިވޭ ޝަކުވާއެކެވެ. އެހެންކަމުން ކަރަންޓު އާލާތްތައް ހޯދުމުގައި "ހަކަތަރި" ލޭބަލުގައިވާ މައުލޫމާތުގެ އަލީގައި ސަމަކާރަ ތަކެތި ހިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

"ހަކަތަރި" ލޭބަލް އަކީ ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ ނުވަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ އަދި އަންގައިދޭ ދިވެހި ލޭބަލް އެކެވެ.

މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ރާއްޖެއަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ. 2021 ވަނަ އަހަރު ތައާރަފު ކުރެވުނު "ހަކަތަރި" ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވި ކުންފުންޏަކީ އެސްޓީއޯ އެވެ.

އެސްޓީއޯއަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި، އަދި މުޖުތަމައަށް ފައިދާކުރުވާ ޒަމާނީ އާ ކަންކަން ތައާރަފް ކުރުމުގައި ހާއްސަ އިސްކަމެއްދޭ ކުންފުންނެކެވެ. އެގޮތުން މެއި 12، 2022 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް "ހަކަތަރި" ލޭބަލް ޖެހި ހިޓާޗީ އެއާކޮންޑިޝަނާ ތައާރަފް ކުރެވުނެވެ. އެސްޓީއޯއިން "ހަކަތަރި" ލޭބަލް ޖެހި އޭސީގެ ތެރޭގައި އެއް ތަރީގެ ރޭޓިންގެ އޭސީތަކަށްވުރެ 42 ޕަސެންޓް ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އޭސީތައް ހިމެނެ އެވެ.

މިކަމުގެ ސަބަބުން މުޖުތަމައު އިތުރަށް ހޭލުންތެރިވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފައިދާކުރަނިވި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.

މީގެ އިތުރުން ނޮވެމްބަރު 2023 ގައި ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާ އިތުރަށް ފުޅާކުރެވިގެންދިޔަ އެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެ އެވެ.

"ހަކަތަރި" ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފަ އެވެ. ލޭބަލްގައި ޖަހާފައިވާ ތަރީގެ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ތަރީގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.

އެސްޓީއޯ އިން މިއަދު މި ތައާރަފް ކުރަނީ ހިޓާޗީ ބްރޭންޑުގެ ހަކަތަރި ލޭބަލް ޖެހި އައިސް އަލަމާރި އަދި ދޮންނަމެޝިނެވެ.

އެސްޓީއޯ އިން "ހަކަތަރި" ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެސްޓީއޯ އިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްްދޭ ކަސްޓަމަރުންނަށް އެކަމުގެ ސަބަބުން މުދާ ބައްލަވާގަންނަވާ އިރު އެ މުދަލަކީ ހަކަތަރި ރޭޓިން ޖަހާފައިވާ ކަރަންޓު ހަރަދު ކުޑަކޮށްދޭނެ މުދާ ކަން އަންގާދިނުމަށެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ހިޓާޗީ ބްރޭންޑް ގެ ހަކަތަރި ލޭބަލް ޖެހިފައިވާ އިތުރު ޕްރޮޑަކްޓްސްތައް މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.