ސިވިލް ކޯޓް

ވަގު ޓީޓީ ހެއްދި ޝިފާއު ވީތަނެއް ނޭނގޭ، އޭނާގެ މައްޗަށް 200،000 ރުފިޔާގެ ހުކުމެއް

ރާއްޖެއަށް މުދާ އެތެރެކުރުމަށް ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދި މައްސަލާގައި ހައްޔަރުކުރުމަށްފަހު، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ފިލައިގެން އުޅުނު ހުސައިން ޝިފާއުގެ މައްޗަށް ދެ ލައްކަ ރުފިޔާ، އަމިއްލަ ކުންފުންޏަކަށް ދައްކަން ހުކުމްކޮށްފި އެވެ.

ޝިފާއުގެ މައްޗަށް އިއްޔެ ސިވިލް ކޯޓުން މި ހުކުމް ކުރީ ނަލަހިޔާ ކޮންސްޓްރަކްޝަންގެ ނަލަހިޔާ ރެސިޑެންސްގެ ކުލި އަދި އެތަނުގެ ޔުޓިލިޓީ ބިލްތައް ނުދައްކައިގެން އެ ކުންފުނިން ކުރި ދައުވާއަކާ ގުޅިގެންނެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު އިއްވެވި ހުކުމްގައިވާ ގޮތުން ޝިފާއު ދައްކަންޖެހޭ ދެ ލައްކަ ރުފިޔާއަކީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނަލަހިޔާ ރެސިޑެންސް ކުއްޔަށް ހިފައިގެން އުޅުނުއިރު އޭނާ އެތަނަށް ދައްކަންޖެހޭ ކުއްޔާއި ޔުޓިލިޓީ ބިލްތަކަށް ދައްކަންޖެހޭ ފައިސާ އެވެ.

ޝިފާއުގެ ޣައިރު ހާޒިރުގައި އިއްވާފައިވާ ހުކުމާއެކު ތައްޔާރުކޮށްފައިވާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މައްސަލައިގައި ޝިފާއު ކޯޓަށް ހާޒިރުކުރަން ކުރި މަސައްކަތް، އޭނާ އުޅޭތަނެއް ނޭގޭތީ ކާމިޔާބު ނުވިއިރު، އޭނާ ހޯދުމަށް އިއުލާންކޮށްގެންވެސް އޭނާ ކޯޓަށް ހާޒިރުކުރެވޭ ގޮތް ނުވި އެވެ.

ހުސައިން ޝިފާއުއަކީ ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެގެން ކުރިން ފުލުހުންވެސް ހޯދަން އިއުލާން ކުރި މީހެކެވެ. މިމައްސަލާގައި އޭނާގެ މައްޗަށް ޕީޖީން ވަނީ ބޮޑެތި ދައުވާތަކެއް ވެސް އުފުލާފަ އެވެ. އޭނާ ދޫކޮށްލީ މުޖްތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އެވެ. ފަހުން މި ސަރުކާރުން އޭނާއަށް ސިޔާސީ މަގާމެއް ދިނުމަށްފަހު ނޫސްތަކުން އެ މައްސަލަ ރިޕޯޓްކުރުމުން ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ޝިފާއުއަށް ސިޔާސީ މަގާމެއް ދިނީ އޭނާއަށް ތުހުމަތުކުރާ ކަންކަމުގެ މައުލޫމާތު ނެތި ކަމަށް ސަރުކާރުން އޭރުން ބުންޏެވެ. ޝިފާއު އޭރު އައްޔަންކުރެއްވީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ.