މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ހަރަދު ކުޑަކުރަން އެދިފައި އޮއްވާ ހެލްތު އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަނީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުންނާއި އެމީހުންގެ ފިރިންނާއި، އަނބިދަރިންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް އަންނަ އޮގަސްޓް މަހުން ފެށިގެން އެއް އަހަރު ދުވަހަށް، ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ މީހުން އަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހު ކޮމިޝަނަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުމަށް ބްރޯޑްކޮމްއިން ވަނީ އެދިފަ އެވެ.

ބްރޯޑްކޮމްގެ މެންބަރުންނާއި އާއިލާއަށް ހެލްތު އިންޝުއަރެންސް ހޯދަން އިއުލާންކުރިއިރު، އެ ކޮމިޝަނުގެ މެންބަރުންނަށް މުސާރައާއި އިނާޔަތްތަކާއެކު ކޮންމެ މެންބަރަކަށް މަހަކު 42،500 ރުފިޔާ ލިބެ އެވެ. ބްރޯޑްކޮމް އިން އިއުލާންކޮށްފައިވާ ގޮތުން އެ ކޮމިޝަނުގެ ހަތް މެންބަރުންނާއި އަދި މެންބަރުންގެ އަނބިންނާއި ފިރިން އަދި ދަރިންގެ އަދަދަކީ 18 އެވެ. މި އެންމެންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން އިންޝުއަރެންސް ކަވަރުކުރާ ގޮތަށް ފޯރުކޮށްދެވެން އޮތް އެންމެ ފުޅާމިނަކަށް އިންޝިއުރެންސް ހިދުމަށް ބޭނުންވާ ކަމަށްވެސް އިއުލާންގައި ވެއެވެ.

ބްރޯޑްކޮމްގެ މެންބަރުންނަށް އިންޝުއަރެންސް ހޯދަން އިއުލާން ކުރިއިރު، ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ދައުލަތުގެ ހަރަދު ކުޑަކުރަން، އާސަންދަ ދޭ ގޮތާއި ސަބްސިޑީ ދޭ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރުވެސް ވަނީ ވިދާޅުވެފަ އެވެ.

ހަރަދު ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް މިރޭ ވަނީ އިއުލާންކުރައްވާފަ އެވެ.