އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އުމުރު ހުރި ގޮތުން ލިބިވަޑައިގެންފައި ހުރި ބަލިކަށިކަމެއްގެ ސަބަބުން ރިޔާސީ ބަހުސްގައި ގޯސްތަކެއް ހެއްދެވިފައިވާ ކަމަށް އެއްބަސްވެ ވަޑައިގެންފި އެވެ.
މި އަހަރު އެމެރިކާގަައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ އަޑުގަދަ ދެ ކެންޑިޑޭޓުން -- ޑޮނަލްޑް ޓްރަމްޕާއި ޖޯ ބައިޑަންގެ ދެމެދުގައި ބޭއްވި ފުރަތަ ރިޔާސީ ބަހުސްގައި، ބައިޑަން ދޫއޮޅިވަޑައިގެން ކުށްޖެހި ވިދާޅުވާނެ އެއްޗެއް ވަނީ އެނގިވަޑައިނުގެންފަ އެވެ.
ބަހުސަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ބައިޑަން ވިދާޅުވީ ރައީސްކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ހިތާއި ނަފުސުން ކަމަށެވެ. ވާޖިބުތައް އަދާކުރެއްވުމުގައި ކުޅަދާނަ މީހެއް ގޮތުގައި ދެވަނަ ދައުރުގައި ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ބައިޑަން އަދި ވިދާޅުވީ ބަހުސު ނުކުރެއްވުނެއް ކަމަކު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އޭނާއަކީ ޒުވާނެއް ނޫނެވެ. އެހެންވެ ޒުވާން އުމުރުގައި ހިނގާބިނގާވެ އުޅުއްވި ގޮތަށް ހަރަކާތްތެރި ނުވެވޭ ކަމަށެވެ. އެ ބަލިކަށިކަން ވާހަކަދެއްކުމުގައިވެސް ހުރި ކަމަށް ބައިޑަން އެއްބަސްވެ ވަޑައިގެންނެވި އެވެ.
ބައިޑަން ވިދާޅުވީ ނަފްސުގައި ކިތަންމެ ބަލިކަށިކަމެއް ހުރި ނަމަވެސް ތެދުވެރި މީހެއްގެ ގޮތުގައި ރައީސްގެ ވާޖިބުތައް އަދާކުރައްވާނެ ކަމަށެވެ. އޭނާ އަކީ ރައްޔިތުންނަށް އޮޅުވާލައި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންހިއްޕަވާނެ މީހެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕަށް ތުހުމަތުކުރެވޭ ބަދުއަހްލާގީ މައްސަލަތަކެއް ހުރުމުން އެކަމަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވީ ރައްޔިތުން ކަންބޮޑުވާ ޒާތުގެ ބަދުއަހްލާގީ އަޑުތަކެއް އޭނާއާ ގުޅޭގޮތުން ނުއިވޭނެ ކަމަށެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އޭނާ އަކީ ވާޖިބުތައް އަދާނުކުރެއްވޭ ވަރުގެ މީހެއްނަމަ ރައީސްގެ ގޮނޑިއަށް ކުރިމަތި ނުލައްވާނެ އެވެ.
ބައިޑަން ވިދާޅުވީ ދޮގުވެރިންނާ ބަހުސްކުރުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. ޑޮނަލްޑް ޓްރަމްޕަކީ އެކަހަލަ މީހެއް ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.
ބަހުސްގެ ތެރެއިން ފެނުނު ބައެއް މަންޒަރާ ގުޅުވައި، ބައިޑަން އާލަސްކަންފުޅާ އުޅުއްވަނީތޯ ކުރި ސުވާލަށް އޭނާ ވިދާޅުވީ ވަރަށް ބޮޑަށް ކަރުގައި ރިއްސާތީ އުޅުއްވާ ކަމަށެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވެސް ވަނީ ބައިޑަންއަށް ރޯގާޖެހި ކަރުގައި ރިއްސާތީ އުޅުއްވި ކަމަށް ބުނެފަ އެވެ.