ދުނިޔެ

ޔޫއޭއީގައި ހުކުރު ޚުތުބާ ކުރުކުރަން މިސްކިއްތަކަށް އަންގައިފި

ހޫނު މޫސުން ނިމެންދެން ހުކުރު ހުތުބާ ކުރުކޮށް އަދި ނަމާދު ދިގުނުކުރަން ޔޫއޭއީގެ ޖެނެރަލް އޮތޯރިޓީ ފޮ އިސްލާމިކް އެފެއާޒުން މިސްކިތްތަކަށް އަންގައިފި އެވެ.

ގަދަ ހޫނުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަަލައި ޔޫއޭއީގެ އިދާރާތަކުން ވަނީ ބޭރުގައި ގިނަ ވަގުތު ހޭދަނުކުރަން އިއުލާންކޮށްފަ އެވެ.

ޔޫއޭއީ ހަބަރުތައް ބުނާ ގޮތުން މި ހުކުރުން ފެށިގެން އޮކްޓޯބަރު ފެށުމާ ހަމައަށް މި އަމުރު ދެމިއޮންނާނެ އެވެ.

މެދުއިރުމަތީގައި އަދި ވަކިން ހާއްސަކޮށް ގަލްފްގައި ހަނަފަސް ސަހަރާ ބޮޑު ގައުމުތަކުގައި މިއީ ހޫނުގަދަ ދުވަސްތަކެކެވެ.

ޔޫއޭއީ އޮންނަނީ އާންމު ގޮތެއްގައިވެސް ހޫނުގަދަ ސަރަހައްދެއްގަ އެވެ. މޫސުން ރަނގަޅު އާދައިގެ ދުވަސްތަކުގައި ހޫނުމިން 40 ޑިގްރީގައި ހުންނައިރު، މިހާރު އެ މިންވަރު -- ބައެއް ހިސާބުތަކުގައި 50 ޑިގްރީއަށް އަރާ ކަމަށް ވެސް ނެޝަނަލް ސެންޓާ އޮފް މިޓިއޮރޮލޮޖީން ބުނެ އެވެ.

ސައުދީ އަރަބިއްޔާގައި ވެސް ވަނީ ގަދަ ހޫނާ ގުޅިގެން އާންމު އިންޒާރުތަކެއް ތަންފީޒުކުރަން ފަށާފަ އެވެ. މި ގޮތުން މުވައްޒަފުން ލައްވައި ބޭރުގައި -- އަވީގައި މަސައްކަތްކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ހޫނު ދުވަސްތަކުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްގައި މަސައްކަތްކުރާ ވަގުތު ދެގަޑިއިރަށް ވުރެ ދިގު ނުކުރަން ވަނީ އަންގާފަ އެވެ.

މި އަހަރުގެ ހައްޖު މޫސުމުގައި މަރުވި 1،301 މީހުންގެ 80 ޕަސެންޓް މަރުވީވެސް ގަދަ ހޫނުގެ ސަބަބުން ކަމަށް ސައޫދީން ބުނެ އެވެ.