ޖަރުމަނުގައި ކުރިއަށްދާ ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވި ހަމަ އެކަނި ޓީމަކީ ސްޕެއިން އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން ނިމި ގަދަ 16ގެ މެޗުތައް މިރޭ ފަށާ އެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު މި ބުރުގައި ކޮންމެ ޓީމަކުންވެސް ތިން މެޗު ކުޅެފައިވެ އެވެ. މި ތިން މެޗުންވެސް މޮޅުވި ހަމައެކަނި ޓީމަކީ ސްޕެއިން އެވެ. އަދި ގުރޫޕް ސްޓޭޖުގެ ކުޅުން ސްޕެއިން އިން ނިންމާލާފައިވަނީ ބައިކޮޅަށް ގޯލެއްވެސް ނުވައްދަ އެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މަރުގެ ގުރޫޕުގެ ގޮތުގައި އޮތް ގުރޫޕް ބީ ގައި ކުޅުނު ހުރިހާ މެޗަކުން ސްޕެއިން މޮޅު ވެފައިވާއިރު، މި ގުރޫޕުގައި ސްޕެއިންގެ އިތުރުން ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން -- އިޓަލީ އާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިއާގެ އިތުރުން އަލްބޭނިއާ އެވެ.
ގުރޫޕް ސްޓޭޖުގެ ކުޅުން ސްޕެއިން ނިންމާލާފައިވަނީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާ އެކު އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ސްޕެއިން ވާދަކޮށްފައިވަނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. މި މެޗު ސްޕެއިން ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އިޓަލީ އާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 0-1ގެ ނަތީޖާއަކުންނެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަލްބޭނިއާ އާއި ދެކޮޅަށް ނިކުތީ ސްޕެއިންގެ ބެންޗް ޓީމެވެ. މި މެޗުވެސް ސްޕެއިން ކާމިޔާބުކޮށްފައިވަނީ 0-1ގެ ނަތީޖާ އަކުންނެވެ.
ނޮކް އައުޓް ބުރުގައި ސްޕެއިން ނިކުންނާނީ ޕޯޗުގަލް ބަލިކޮށް ގަދަ 16 ޓީމުގެ ތެރެއިން ޖާގަ ހޯދި ޖޯޖިއާ އާއި ދެކޮޅަށެވެ.