ކްރިމިނަލް ކޯޓް

އާއްމު އުނދަގުލަކަށްވެގެން މީހަކު ބަންދުކޮށްފި

އާއްމު އުނދަގޫ ކުރުމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ބަންދުކޮށްފި އެވެ.

އާއްމު އުނދަގޫ ކުރުމުގެ ތުހުމަތުގައި ފުލުހުން އެދިގެން ބަންދުކޮށްފައިވަނީ އަބްދުއްރައްޒާގު ހުސައިން ކިޔާ އުމުރުން ދުވަސްވީ މީހެކެވެ. އޭނާގެ އުމުރަކީ 56 އަހަރެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 45 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. މި އަމަރު ނެރުނީ ގާޒީ އިސްމާއީލް ޝަފީއުއެވެ.

އާއްމު އުނދަގުލުގެ މައްސަލައަކާ ގުޅިގެން ދުވަސްވީ މީހަކު ހައްޔަރު ކުރި ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނޭނގެ އެވެ.

ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މައްސަލަ ހުށަހެޅި ދެމަފިރިންގެ ބަޔާން އަދި ތަހުގީގަށް ހާޒިރުކޮށް ނަސޭހަތް ދީފައިވާކަމުގެ ލިޔުން ހެއްކެއްގެ ގޮތުގައި ފަނޑިޔާރު ބަލައިފައިވެ އެވެ.

މިމީހާ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވަނީ މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.

މި މީހާއަށް މި ބާވަތުގެ ކަންކަމުގައި ކުރިންވެސް ނަސޭހަތް ދީފައިވާކަން ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ. އަދި އޭނާ ދޫކޮށްލައިފިނަމަ ކުށް އަނެއްކާވެސް ތަކުރާރު ކުރާނެ ކަމަށް ފަނޑިޔާރަށް ފާހަގަކުރެވޭކަން ބަންދު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.