ކްރިމިނަލް ކޯޓް

ޕޮލިސް ސްޓޭޝަނެއް ފަޅާލި މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ޕޮލިހަށް ހާޒިރުކޮށްފައި އިންދައި، އެތަނުގެ ދޮރެއް ފަޅާލި މައްސަލައިގައި ހުކުމެއް އިއްވާފައިވާ މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ވައްކަމުގެ މައްސަލައެއްގައި ހުކުރު ދުވަހު ހައްޔަރުކުރި މީހަކީ ސ. ހިތަދޫ، ތަބިވައްގެ، މުހައްމަދު ގިޔާސް އެވެ.

އޭނާގެ އުމުރަކީ 43 އަހަރެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ރިކޯޑްތަކުން އެނގޭ ގޮތުގައި ގިޔާސްގެ މައްޗަށް މީގެ ކުރިންވެސް ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވިފައިވެ އެވެ.

މީގެތެރޭގައި ޕޮލިސް ސްޓޭޝަނަކަށް ގެއްލުން ދިން މައްސަލަ ހިމެނެ އެވެ. އަދި މަގުބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ މައްސަލައަކާއި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ބިރުދެއްކުމުގެ ކުށުގެ މައްސަލައަކާ އަދި ފޭރުމުގެ މައްސަލައެއްވެސް ހިމެނެ އެވެ.

ރިކޯޑްތަކުން އެނގޭ ގޮތުގައި އެކިއެކި މައްސަލަތަކުގައި 50 އަށް ވުރެ ގިނަ ފަހަރު ގިޔާސް ހިފަހައްޓާފައިވެ އެވެ.