ޖަލުގައި ކުއްލި ގޮތަކަށް މަރުވި މުހައްމަދު ޖަމީލަށް އަނިޔާކޮށްފައިވާ ކަމަށް ބެލެވޭ ފޮޓޯތަކެއް އާއްމުވެފައިވަނިކޮށް، އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި މުހައްމަދު ޖަމީލް ކުއްލި ގޮތަކަށް މަރުވީ އިއްޔެ ފަތިހު އެވެ.
ޖަމީލަށް އަނިޔާކޮށްފައިވާ ކަމަށް ބެލެވޭ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި އާއްމުކޮށްފައި ވަނިކޮށް، އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގައެވެ.
"މި މައްސަލަ ބަލަން ޖެހޭ" ޔުމްނާ ވިދާޅުވި އެވެ.
ޔުމްނާގެ މި ޕޯސްޓަށް ގިނަ ބަޔަކު ވަނީ ކޮމެންޓްވެސް ކޮށްފަ އެވެ. މީގެތެރެއިން ބައެއް މީހުން ވަނީ ޔުމްނާގެ ބައްޕާފުޅު، ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި އަނިޔާކުރި ކަމަށް ދޭހަވާ ކޮމެންޓްތައްވެސް ކޮށްފަ އެވެ.
ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޖަމީލް މަރުވީ ސަޖިދައިގައި އޮއްވައި ކަމަށާއި އެ މަރުގައި އިހުމާލެއް އޮތްތޯ ބަލަން ޕޯސްޓްމޯޓަމް އެންގެވި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވި އެވެ. އެހެންނަމަވެސް ޖަމީލްގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާ އިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދައި މިހާރު ވަނީ ވަޅުލާފަ އެވެ.
ޖަމީލު މަރުވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމަށާއި ފަރުވާ ދިނުމުގައި އިހުމާލުވެގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖަމީލުގެ މޫނުމައްޗާއި ބުރަކަށީގެ އެކި ތަންތަނުގައި ނޫފައިގެންފައިވާ ތަންތަން ހުރި ކަމަށާއި އެއީ އަނިޔާގެ ނިޝާންތަކެއް ކަމަށްވެސް ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ޖަމީލް މަރުވީ އެއްވެސް މީހަކު ގަސްދުގައި ދިން އަނިޔާއެއް އަދި ގޯނާއެއްގެ ސަބަބުން ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ މިއަދު ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވެފައި ހުރި ޖަމީލްގެ ފޮޓޯތަކަކީ އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމުގެ ފަހުން ހިނަވާގޭގައި އޮއްވާ ނަގާފައި ހުރި ފޮޓޯތަކެއް ކަމަށެވެ. އެ ފޮތޯތަކުން ފެނިގެން ދަނީ އިންސާނަކު މަރުވުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތައް ކަމުގައިވެސް ވިދާޅުވި އެވެ.
ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތް ކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމަށްފަހު ވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ ހުކުރު ދުވަހުގެ މެންދުރު 12:13 ގައެވެ. ހިތް ހުއްޓިގެން އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައެޅީ 12:45 ގައެވެ.