ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ދަރަންޏާބެހޭ ބިލްގެ ބަހުސް ފަށައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ދަރަންޏާބެހޭ ބިލްގެ ބަހުސް ފަށައިފި އެވެ.

މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ބިލް ހުށަހަޅުއްވަމުން މެންބަރު މަމްދޫހު ވިދާޅުވީ މިފަދަ ގާނޫނެއް ގެނައުމުގެ ފުރުސަތު ފާއިތުވި ސަރުކާރަށްވެސް ލިބުނު ކަމަށެވެ.

"ބައެއް ސަރުކާރުތަކުން 40 އަހަރާ ނުބައްދަލު ދަރަނި ފަސް އަހަރުން ނަގާ ވެރިންގެ ޖީބުތައް ފުރަމުން ދިޔައިރު މިފަދަ ގާނޫނެއް ގެނައުމުގެ ފަހި ފުރުސަތު ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް އޮވެމެ، މިފަދަ ގާނޫނީ ބާރުވެރިކަމެއް ނުގެނެސް ދައުލަތް މުޅި ދިވެހިރާއްޖެ ހަލާކާ ދިމާލަށް ގެންދިޔައީ ހަގީގަތުގައި ވެސް އިހުލާސްތެރިކަމެއް އެބޭފުޅުންގެ ނެތަތީ،" މަމްދޫހު ވިދާޅުވި އެވެ.

ބިލްގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ނަމުގައި ދަރަނި ނެގުމާއި ގުޅޭ އުސޫލުތަކާއި ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި ގުޅޭ އުސޫލުތައް ބަޔާންކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ދައުލަތުގެ ނަމުގައި ދަރަނި ދަރަނި ނެގުމާއި ގުޅޭ އުސޫލުތަކާއި ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި ގުޅޭ އުސޫލުތަކާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޫކުރުމާ ގުޅޭ އުސޫލުތަކާއި ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓްކުރުމާ ގުޅޭ އުސޫލުތަކާއި އެނޫންވެސްކަމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ގާނޫނެއް،" ބިލްގެ އިބްތިދާއީ ބަހުސްގައި މަމްދޫހު ވިދާޅުވި އެވެ.

ބިލްގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ އާއި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކުރެވިގެން އަދި އެންމެ ހަރަދު ކުޑަވާނެ ގޮތަކަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުން ދައުލަތުގެ ނަމުގައި ދަރަނި ނެގުމަށް ސަރުކާރު ބާރުވެރިކުރުވުން ހިމެނެ އެވެ.

ދައުލަތުން ދަރަނި ނަގައި ބަލަހައްޓައި މެނޭޖުކުރަނީ ގައުމުގެ އިގުތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވިގެން އަދި ގައުމުގެ އިގުތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުމަކީވެސް ބިލްގެ މަގުސަދެކެވެ.

މި ބިލްގެ ބަހުސް މިއަދު ފަށާފައިވާއިރު މިއަދަކީ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވާ ދުވަހެއް ނޫނެވެ.