ރައްޔިތުންގެ މަޖިލިސް

ބޮޑުކުރާ ޓެކްސްގެ ފައިދާ ރައްޔިތުންނާ ހަމައަށް ނާދޭ: އަބްދުލްގަފޫރު

ޓެކްސްތައް ބޮޑުކުރި ނަމަވެސް އެކަމުގެ ފައިދާ ރައްޔިތުންނާ ހަމައަށް ނާންނަ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރަން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި އަބްދުލްގަފޫރު ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެމްޑީޕީގެ ސަރުކާރުގައި ނޮވެމްބަރު 2022 ގައި ހުށަހެޅުމުން އޭރުގެ އިދިކޮޅު އަދި މިހާރުގެ ސަރުކާރު މެންބަރުން އެކަން ސިފަކުރީ ރައްޔިތުން އަތުން ފޭރުމުގެ ގޮތުގައި ކަމަށެވެ.

"އެ ދުވަހު ވީ ރައްޔިތުން އަތުން ފޭރުމަށް. މިއަދު މިވަނީ ގައުމުގެ އިގުތިސާދުގެ ކުރިއެރުމަށް،" އަބްދުލްގަފޫރު ވިދާޅުވި އެވެ.

ބާރު އޮތުމުން ޓީޖީއެސްޓީ 20 ޕަސެންޓަށް އަދި ޖީއެސްޓީ 10 ޕަސެންޓަށް ބޮޑު ކުރެވިދާނެ ކަމަށާއި އެއާއެކު ރައްޔިތުން ޖެހޭނީ އެ ޓެކްސް ދައްކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ އިތުރު ޓެކްސްގެ ގޮތުގައި ހިމެނޭ އެއާޕޯޓް ޓެކުހާއި ގްރީން ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާއިރު ރާއްޖެއަކީ ޓޫރިޒަމް ޓެކްސް އެންމެ ބޮޑު ގައުމަަށް ވަމުންދާ ކަމަށް އަބްދުލްގަފޫރު ވިދާޅުވި އެވެ.

ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ގައުމުގެ އިގުތިސާދުގައި އެއްވެސް މައްސަލައެއް ނެތް ނަމަވެސް ދައުލަތުގެ ހަރަދުތައް ހަމަނުޖެހޭ ކަމަށެވެ.

އެ ގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ 2،000 އިން މަތީގައި ކަމަށާއި ސަރުކާރު ކުންފުނިތަކުގެ އާމްދަނީ 15 ޕަސެންޓަށް ދަށްވެފައިވާ ކަމަށް އަބްދުލްގަފޫރު ވިދާޅުވި އެވެ. އަދި ސަރުކާރުގައި ކޮރަޕްޝަން އިތުރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ވައްކަމާއި ކޮރަޕްޝަން ސަރުކާރުގެ ތެރޭގައި އޮތީ އިންތިހާއަށް. ރޯމާ ދުވާލު ވައްކަން ކުރަމުން އެދަނީ،" އަބްދުލްގަފޫރު ވިދާޅުވި އެވެ.

ދައުލަތަށް އާމްދަނީ އިތުރުވި ނަމަވެސް ރަށްރަށުގައި ހިންގި މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.